ކުޅިވަރު

ބާސެލޯނާގެ ޑިޕާއި އެތުލެޓިކޯ އަށް ބަދަލުވެއްޖެ

ބާސެލޯނާގެ ނެދަލެންޑްސް ފޯވާޑް މެމްފިސް ޑިޕާއި އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެ އެވެ.

އެތުލެޓިކޯ އިން ޑިޕާއިއާ އެކު އެއްބަސްވުމަކަށް އައީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އުމުރުން 28 އަހަރުގެ ފޯވާޑުގެ ސޮއި އެތުލެޓިކޯ އިން ހޯދީ 2.6 މިލިއަން ޕައުންޑަށެވެ. ބާސެލޯނާ އިން އެތުލެޓިކޯ އަށް ޑިޕާއި ވިއްކާލީ އޭނާގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮއްވަ އެވެ.

ކްލަބް ބަދަލުކުރަން އުޅޭތީ ބާސެލޯނާ އިން ބުދަ ދުވަހު ބޭއްވި ފަރިތަކުރުމުގައި ޑިޕާއި ބައިވެރިވެފައެއްނުވެ އެވެ. އެކަމަކު އެދުވަހުގެ ފަރިތަކުރުމުގެ ކުރިން ބާސެލޯނާގެ ކޯޗު ޒަވީއާ ސުވާލުކުރުމުން ބުނީ އޭނާގެ ޕްލޭންގައި ޑިޕާއި ހިމެނޭ ކަމަށެވެ.

"ޑިޕާއި ކްލަބް ދޫކޮށްލަށް ބޭނުންވިޔަސް ނުވިޔަސް އެއީ އޭނާ އަށް ފަސޭހަ ހާލަތެއް ނޫން. އަހަރެން އެކަމާ ޑިޕާއިއާ މަޝްވަރާ ކުރާނަން" ޑިޕާއިގެ ޓްރާންސްފާ ކަންތަކާ ގުޅޭގޮތުން ސުވާލުކުރުން ޒަވީ ބުންޏެވެ.

މި ސީޒަނުގައި ބާސެލޯނާ އަށް ކުޅުނު ހަތަރު މެޗުގައި ޑިޕާއި އަށް ޖެހުނީ އެއް ގޯލެވެ. ބާސެލޯނާގައި މިހާރު ވަރުގަދަ ސްކޮޑެއް އޮތްއިރު އެޓީމުގައި ކުޅުމުގެ ފުރުސަތު ޑިޕާއި އަށް މިހާރު ނުލިބެ އެވެ.

2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވިދާލި ޑިޕާއި 2015 ވަނަ އަހަރު ޕީއެސްވީ އިން ބަދަލުވީ މެންޗެސްޓާ ޔުނައިޓެޑަށެވެ. އެޓީމުގައި އެދެވޭ ކުޅުމެއް ނުދެއްކި ޔުނައިޓެޑުން ޑިޕާއި 2017 ވަނަ އަހަރު ވިއްކާލީ ފްރާންސްގެ ލިޔޯން އަށެވެ. ލިޔޯންގައި މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް ބާސެލޯނާ އިން ޑިޕާއި ގެންދިޔައީ 2021 ވަނަ އަހަރުގެ ޖޫން މަހު އެވެ.

އެތުލެޓިކޯ މެޑްރިޑުން ޑިޕާއިގެ ސޮއި ހޯދިއިރު އެޓީމުގެ ފޯވާޑް ޔާއޯ ފީލިކްސް ވަނީ ލޯނު އުސޫލުން ޗެލްސީ އަށް ބަދަލުވެފަ އެވެ.