- މޮބައިލް ވޮލެޓް ހިދުމަތް ތައާރަފު ކުރަނީ މެއި މަހު
- ހިދުމަތް ތައާރަފު ކުރަން 1.5 މިލިއަން ޑޮލަރު ހޭދަ ކުރޭ
- މިއީ އިތުބާރާއެކު ހިދުމަތް ހޯދޭ ހިދުމަތެއް
އުރީދޫ "މޮބައިލް މަނީ" މެއި މަހު ތައާރަފުކުރަން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އުރީދޫ މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. އަދި އިސްލާމިކް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ހާރިސް ހާރޫނެވެ.
އުރީދޫ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ މޮބައިލް މަނީގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ބޮޑު ފަސޭހަ ލިބިގެންދާނެ ކަމަށެވެ. މި ހިދުމަތް ތައާރަފު ކުރުމުން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިކްރަމް ވިދާޅުވީ މޮބައިލް މަނީގެ ހިދުމަތް ފެބްރުއަރީ މަހު ތަޖުރިބާ ކުރަން ދޫކޮށްލާނެ ކަމަށާއި، މެއި މަހު ހިދުމަތް ފަސޭހަވާނެ ކަމަށާއި، މި ހިދުމަތް ތައާރަފު ކުރުމުގައި އިސްލާމިކް ބޭންކަކީ މުހިންމު ޕާޓްނަރެއް ކަމަށެވެ.
"މޯލްޑިވްސް އިސްލާމިކް ބޭންކުން ފޯރުކޮށްދެއްވާ ހިދުމަތްތަކާއި ރާއްޖޭގެ އެކި ކަންކޮޅުގައި އިތުރުވަމުންދާ ގޮފިތަކާއި، އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވަމުންދާ ކަސްޓަމާ ބޭސްގެ ސަބަބުން އެ ކުންފުންޏަކީ [އިސްލާމިކް ބޭންކް] އަކީ މޮބައިލް މަނީ ގާއިމް ކުރަން ވަރަަށް އެކަށީގެންވާ ޕާޓަނަރެއް،" ވިކްރަމް ވިދާޅުވި އެވެ.
އުރީދޫން ކުރިން ބުނެފައިވަނީ މޮބައިލް މަނީ ނުވަތަ "މޮބައިލް ވޮލެޓް" ގެ ހިދުމަތް ތައާރަފު ކުރަނީ 1.5 މިލިއަން ޑޮލަރު ބަޖެޓަކުން ކަމަށެވެ. މި ހިދުމަތަކީ ފޯނު މެދުވެރިކޮށް ފައިސާ ޖަމާކޮށް، ބިލްތައް ދައްކައި، މީގެ އިތުރުން ފައިސާ ފޮނުވުމުގެ ހިދުމަތް ދެވޭ ހިދުމަތެކެވެ.