ވިޔަފާރި

އުރީދޫ އާއި އެމްއައިބީ ގުޅިގެން އިސްޓޯލްމަންޓަށް ފޯނު

Nov 27, 2020

އުރީދޫ މޯލްޑިވްސް އިން ލިބެންހުންނަ މޯބައިލް ފޯނު އަދި އެކްސެސަރީ، އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސްކީމުން ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެމްއައިބީގެ އުޖާލާ ދިރިއުޅުން (ޔޫޑޭ) ފައިނޭންސިނގް ފެސިލިޓީ މެދުވެރިކޮށް ފޯނާއި އެކްސެސަރީޒް އިންސްޓޯލްމެންޓަށް ލިބޭނެ ކަމަށެވެ. މި ޕާޓްނާޝިޕްގެ ދަށުން ފޯނު ލިބޭނީ އެމްއައިބީ ޔޫޑީ ފެސިލިޓީގެ ދަށުންނެވެ.

އުރީދޫ މޯލްޑިވްސް ގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒް ވިދާޅުވީ އީޖާދީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޚިދުމަތްތަކާއިއެކު އެންމެފަހުގެ ޑިޖިޓަލް ޑިވައިސްތަކުގެ ބޭނުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ.

" އެހެންކަމުން، މި ޕާޓްނަރޝިޕްގެ ދަށުން އަޅުގަނޑުމެން މާކެޓްކުރާ ފޯނުތަކާއި ޑިވައިސްތައް، މާކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި އިންސްޓޯލްމެންޓް ޕްލޭންއެއްގެ ދަށުން ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލެވޭ ކަމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް އެންމެ ފަހުގެ ލޯ އެންޑް، މިޑް ރޭންޖް އަދި ހައި އެންޑް ފޯނުތައް އަދި އެކްސެސަރީ، މާކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދެ އެވެ. ޑިވައިސްތައް ބައްލަވައިގަންނަވާ އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އޮފަތަކުގެ ދަށުން ހިލޭ ޑޭޓާ ފަދަ ފައިދާތައް އެމްއައިބީ ޔޫޑީ ފެސިލިޓީގެ ދަށުން ފޯނު ނަގާ ފަރާތްތަކަށް ލިބޭނެ އެވެ. ހަމައެހެންމެ، އެހެނިހެން ނެޓްވާކްތަކުގެ ކަސްޓަމަރުންނަށް ވެސް އެމްއައިބީ ޕޭމަންޓް ޕްލޭންގެ ދަށުން އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ބޭނުންފުޅުވާ ޑިވައިސްއެއް ހެޔޮ އަގުގައި ބައްލަވައިގަތުމުގެ ފުރުސަތު ފަހި ވެގެންދާނެ އެވެ.