ކުޅިވަރު

ޕެލެސް އިން ފަހު ވަގުތު ޔުނައިޓެޑް ހުއްޓުވައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް މޮޅުވާން ދަނިކޮށް އިތުރު ވަގުތުގައި ގޯލު ޖަހައި ކްރިސްޓަލް ޕެލެސް އިން 1-1 އިން މެޗު އެއްވަރުކޮށްފި އެވެ.

މުހިއްމު މެޗަކުން ދެ ޕޮއިންޓް ގެއްލުމުން ޔުނައިޓެޑް އަދިވެސް އޮތީ ލީގުގެ ތިންވަނައިގަ އެވެ. ޔުނައިޓެޑަށް 39 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވެސް ލިބިފައިވަނީ 39 ޕޮއިންޓެވެ. ސިޓީ ދެވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ރޭގެ މެޗު ފަށައިގެން ޔުނައިޓެޑުން ވަނީ މޮޅަށް ކުޅެ ފުރަތަމަ ހާފުގެ ފަހުކޮޅު ލީޑު ނަގައިފަ އެވެ. ކްރިސްޓިއެން އެރިކްސެން ދިން ބޯޅައަކުން މި ގޯލު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ.

މެޗުގައި ކްރިސްޓަލް ޕެލެސްގެ ނުރައްކާތެރި ދެ ހަމަލާއެއް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ޕެލެސް އިން ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއް ވައްދާލައިގެންނެވެ. ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން މި ގޯލު ކާމިޔާބުކުދީ މިކޭލް އޮލީސޭ އެވެ. އޭގެފަހުން މެޗުގެ ފަހު މިނެޓުގައި ޔުނައިޓެޑްގެ ކަސެމީރޯ އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ.

އަންނަ އާދީއްތަ ދުވަހު ލީގުގައި ޔުނައިޓެޑް ކުޅޭނީ 47 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް އާސެނަލްއާ އެވެ. އެކަމަކު އެ މެޗަށް ނުކުންނައިރު ޔުނައިޓެޑްގެ މުހިއްމު މިޑްފީލްޑަރު ކަސެމީރޯ ވަނީ ސަސްޕެންޑްވެފަ އެވެ. ކަސެމީރޯ ސަސްޕެންޑްވީ ރޭގެ މެޗުގައި ދެއްކި ރީނދޫ ކާޑާ އެކު ލީގުގައި ފަސް ކާޑު ހަމަވުމުންނެވެ.

ކަސެމީރޯ ނެތުމަކީ އާސެނަލް މެޗުގައި ޔުނައިޓެޑަށް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ. ރެއާލް މެޑްރިޑުން މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވެ އެޓީމުގެ މެދުތެރޭގައި އެންމެ މޮޅު ކުޅުމެއް ދައްކަނީ ކަސެމީރޯ އެވެ. މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ އާސެނަލް މެޗަށް ދާއިރު ކަސެމީރޯ ނެތުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"އެއީ މި ޓީމުގެ ވަރަށް މުހިއްމު ކުޅުންތެރިއެއް. މި ހިސާބުގައި ޓީމު އޮތުމުގައި ކަސެމީރޯގެ ދައުރު ބޮޑު. މެޗުތައް ކޮންޓްރޯލްކޮށް މޮޅުވަމުންދާ ދުވަސްވަރެއްގައި ކަސެމީރޯ ސަސްޕެންޑް ވުމަކީ ވަރަށް ބޮޑު ބަދުނަސީބެއް. އެކަމަކު ކަސެމީރޯ ނުލާ އާސެނަލް މެޗަށް ރަނގަޅު ޕްލޭނެއް ހަދަން ޖެހޭ" މެޗަށް ފަހު ޓެން ހާގް ބުންޏެވެ.