ފިނިޕޭޖް

"ޕޮލައިޓް ސޮސައިޓީ"ގެ ޓްރޭލާ ނެރެފި

ފޯކަސް ފީޗާސް އިން ނެރޭ އެކްޝަން ކޮމެޑީ "ޕޮލައިޓް ސޮސައިޓީ"ގެ ޓްރޭލާ ނެރެފި އެވެ.

އިނގިރޭސި ބަހުން ހަދާފައިވާ މި ފިލްމަކީ ނިދާ މަންޒޫރުގެ ފުރަތަމަ ފީޗާ ފިލްމެވެ. މި ފިލްމް ލިޔެ ޑައިރެކްޓް ކޮށްފައިވަނީވެސް ނިދާ އެވެ.

ސަންޑޭންސް ފިލްމު ފެސްޓިވަލްގައި މި ފިލްމު މާދަމާ އެޅުވުމަށް ހަމަޖެހިފައިވެ އެވެ.

މި ފިލްމުގެ ޓްރޭލާއިން ފެންނަނީ ޕާކިސްތާން ދަރިކޮޅުގެ އިނގިރޭސިވިލާތުގައި ދިރިއުޅޭ ރިއާ ހާން އޭނާގެ ދައްތަ ކައިވެންޏަކުން ތަޅާފޮޅައިގެން ނަމަވެސް ސަލާމަތްކުރުމަށްޓަކައި ކުރާ މަސައްކަތެވެ.

ރިއާ އަކީ މާޝަލް އާޓްސް ޓްރޭނިން ހޯދައި ސްޓަންޓްވުމަން އަކަށް ވާން ބޭނުންވާ ކުއްޖެކެވެ. މިއީ އޭނާގެ މައިންބަފައިން ސަޕޯޓްކުރާ ކަމެއް ނޫނެވެ. ރިއާގެ އަބަދުވެސް ސަޕޯޓަރަކީ އޭނާގެ ދައްތަ ލީނާ އެވެ. މިނިވަން ކަމާއި ސިސްޓާހުޑްގެ ނަމުގައި ލީނާ ސަލާމަތްކުރުމަށް ރިއާ އަށް އެހީވެދެނީ އޭނާގެ ރައްޓެހިންނެވެ.

"ޕޮލައިޓް ސޮސައިޓީ"ގައި ރިއާގެ ރޯލު ޕްރިޔާ ކަންސަރަ އަދާކުރާއިރު، ލީނާގެ ރޯލު އަދާކުރަނީ ރިތޫ އާރްޔާ އެވެ.

މީގެ އިތުރުން މި ފިލްމްގެ ކާސްޓްގައި ނިމްރާ ބޫޗާ، ޝޯބޫ ކަޕޫރު، އެލާ ބްރުކޮލޭރީ، ސެރަފީނާ ބޭ، ޖެފް މިރްޒާ އަދި އަކްޝޭ ކަންނާ ހިމެނެ އެވެ.

މި ފިލްމް އިނގިރޭސި ސިނަމާތަކުގައި މިއަަހަރުގެ އޭޕްރީލް ހަތްވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، އެމެރިކާގެ ސިނަމާތަކުގައި ރިލީޒްކުރާނީ އޭޕްރީލް 28 ވަނަ ދުވަހު އެވެ.