ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވީ ފިސާރި ގަދަކޮށް ކަމަށް އިދިކޮޅުން ބުނުމުން އެކަމުން ދޭހަކޮށްދެނީ މިސަރުކާރުން ބަދަލުހިފުމުގެ ރޫހު ނުގެންގުޅޭކަން ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލާ އަމަލުކޮށްފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ޒާތީވެ ބަދަލުހިފުމުގެ ރޫހު ނުގެންގުޅޭ ކަމަށެވެ.
"މިކަމުން އަންގައިދެނީ އަޅުގަނޑު ޖަލުގައި ހުރިއިރު ކިތަންމެ އިހާނެތިކޮށް ކަންކުރެއްވި ނަމަވެސް އަޅުގަނޑުމެން ޒާތީވެ ބަދަލުހިފުމުގެ ރޫހު ނުގެންގުޅޭކަން. ރައީސް ސޯލިހުގެ ހިތްތިރިކަމާއި އޯގާތެރިކަން،" މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޔާމީން ޖަލުގައި ހުންނެވީ ފިސާރި ގަދަކޮށް ކަމަށް އިދިކޮޅުން ބުނެފައިވަނީ އިއްޔެ ރައީސް ޔާމީންގެ އަރިހަށް އިދިކޮޅު ކޯލިޝަންގެ އިސްވެރިން ވަޑައިގެން ޔާމީނާ ބައްދަލުކުރެއްވުމަށްފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިމްރާން 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ދައުލަތުން އިމްރާންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެންނެވެ. އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ 2015 ވަނަ އަހަރު މޭޑޭގެ ހަރަކާތުގައި އިމްރާނު ދެއްކެވި ވާހަކަތަކުގެ ސަބަބުން އަނިޔާވެރިކަމަށް ބާރު ލިބި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ދިޔަ ކަމަށް ބުނެ އެވެ.
އިމްރާން ޖަލުގައި ހުންނެވިއިރު ހުންނެވީ ހާއްސަ ގައިދީން ތިބުމަށް ހިންމަފުށީ އައްސޭރި ޖަލުގައި ހަދާފައިވާ ހާއްސަ ޔުނިޓުގަ އެވެ. ރައީސް ޔާމީން މިވަގުތު ޖަލުގައި ހުންނެވީ މާފުށި ޖަލުގައި ހުންނަ ކުރީގެ ރައީސުންނަށް ހާއްސަ ގޮޅީގަ އެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ.