މި ހިނގާ ދައުރު ނިމުމުގެ ކުރިން ށ. ބިލަތްފަހީގައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ށ. ކަނޑިތީމަށް ވަޑައިގަތް އެ ރަށުގައި ތިބި އެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބިލަތްފަހީގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގެ މަރުހަލާގައި ކަމުގައި ވިދާޅުވި އެވެ.
"ދެން އަޅުގަނޑު އެނބުރި މި ރަށަށް އައިސް ތިބޭފުޅުންނާ ބައްދަލުކުރާ އިރުގައި އަޅުގަނޑުގެ އުއްމީދަކީ އެ މަސައްކަތް ބިލަތްފަހީގައި ކުރެވެމުންދާ ތަން ފެނުން،" ބިލަތްފަހީ އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ހދ. ހަނިމާދޫގައި ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް ނިމުމާއިއެކު ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި ޓޫރިޒަމް ފުޅާވެ، ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
"ވަޒީފާތައް އިތުރު ވާނެ. އަމިއްލަ ރަށުގައި ހުރެގެން ގެސްޓްހައުސްގެ ވިޔަފާރިކޮށް އާއިލާއާ އެކީގައި ހުރެވޭނެ މަގު ލަސްތަކެއް ނުވެ ފަހިވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ކްރޮސް ސަބްސިޑީޒް އުސޫލުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ރައީސްގެ ގަރާރަކުން ވަނީ ކަނޑައަޅުއްވާފަ އެވެ.
ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއު ކުރިއަށް ގެންދިއުމަން ނިންމާ، މިމަޝްރޫއަށް ފައިނޭންސް ކުރާ ބަޔަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭނެ އެވެ
ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓްތައް
- ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
- ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު
- ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
- ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
- ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
- ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) - 23.6 މިލިއަން ޑޮލަރު
ހދ. ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ރައީސް ސޯލިހް ވަނީ ހދ. މަކުނުދޫ އާއި ށ. ބިލެތްފަހީގެ އިތުރުން ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އަޅާނެ ފައިސާ ހޯދިފައިވާ ކަމަށް އެ ރަސްމިއްޔާތުގައި ވެސް ވިދާޅުވެފަ އެވެ.