ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޔާމީނަށް އިންތިހާބު ގެއްލުނީ އެންމެން ޖަލަށްލައިގެން ގެންގުޅުމުން: ރައީސް

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރީ ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން ޖަލަށް ލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ށ. ބިލެތްފަހީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ކެމްޕޭނަށް ނިކުންނެވިއިރު އެމްޑީޕީގެ އަދި އޭރުގެ ހުރިހާ އިދިކޮޅު ޕާޓީއެއްގެ ލީޑަރުން ތިއްބެވި ޖަލުގައި ކަމަށެވެ.

"ރައްޔިތުން މަޖިލީހުގެ 12 މެމްބަރުންނާއި ޕާޓީ ތަކުގެ ލީޑަރުންނާއި ކިރިޔާވެސް ސިޔާސީ ގޮތުން އޭރު ޕާޓީގެ ލީޑާޝިޕްގައި ތިބި މީހެއް ވެއްޖެއްޔާ އޭރު ތިބީ ޖަލުގައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އޭރުގެ ސަރުކާރަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރެވުނީ ހުރިހާ ބޭފުޅުން ޖަލަށް ލައިގެން ކަމަށެވެ. އެކަމަކު މިވެރިކަމުގައި ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭރުގެ ސަރުކާރުން ނޫސްވެރިންވެސް އެތައް ފަހަރަކު ފުލުހަށް ހާޒިރުކޮށް އެތައް ނޫސްވެރިއަކު ޖަލުގައި ގެންގުޅުނު ކަމަށެވެ. ނަމަވެސް މިވެރިކަމުގައި އެއްވެސް ނޫސްވެރިއަކަށް އެ ކަހަލަ ކަމެއް ކުރިމަތިވެފައި ނުވާނެ ކަމުގައި ވިދާޅުވި އެވެ.

"ޓީވީ ޗެނަލްތަކުގައި އެ ދައްކަމުންދާ ވާހަކަތައް އެ ދައްކަނީ ބޭނުން ވާހަކައެއް ބޭނުން ގޮތަކަށް. އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ކޮންމެވެސް ވަރަކަށް ބަހުރުވަ ބަދަލުކޮށްލަން އެބަޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަނިުފާނުގެ ވެރިކަމުގައި މަޝްރޫއުތައް ކުރިއަށް ގެންދިޔައީ އެއްވެސް ދާއިރާއެއް އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއި އެކުގައި ކަމަށެވެ.

ށ. ބިލެތްފަހީގައި އެއާޕޯޓެއް އެޅުމަށް ވައުދުވެފައިވާތީ އެ މަސައްކަތް ހަގީގަތަކަށް ހެދުމަށްޓަކައި އެމްޓީސީސީއާ މަސައްކަތް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. މިމަޝްރޫއު ނިމުމުން ދަތުރުފަތުރުކުރުމަށް ށ. އަތޮޅުގެ ރައްޔިތުންނަށް އިތުރު ލުއިތައް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެެވެ.

ކުރީގެ ސަރުކާރުތަކުން ށ. އަތޮޅުގެ ރަށްތައް ބާކީކޮށް އެކަހެރިކޮށްލާފައިވީ ނަމަވެސް މި ސަރުކާރުން އެކަން އެގޮތަށް ނުކުރާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި ށ. އަތޮޅުގައި 159 މަޝްރޫއު ހިންގުމަކީ ބާކީ ނުކުރާ ކަމުގެ މިސާލެއް ކަމުގައިވެސް ވިދާޅުވި އެވެ.