ފިނިޕޭޖް

މައިކަލް ޖެކްސަންގެ ހަޔާތަށް ފިލްމެއް ހަދަނީ

ލަޔަންސްގޭޓުން ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތަށް "މައިކަލް"ގެ ނަމުގައި ބަޔޯޕިކެެއް ހަދަނީ އެވެ.

މި ފިލްމް ޑައިރެކްޓްކުރާނީ "އިމެންސިޕޭޝަން" ޑައިރެކްޓްކުރި އެންޓުވާން ފުކުއާ އެވެ. އަދި ސްކްރިޕްޓް ލިޔާނީ ޖޯން ލޯގަން އެވެ.

ކިންގް އޮފް ޕޮޕްގެ ބަޔޯޕިކް ޕްރޮޑިއުސްކުރާނީ ފްރެޑީ މާކިއުރީގެ ހަޔާތަށް ހެދި "ބޮހީމިއަން ރެޕްސޮޑީ" ޕްރޮޑިއުސްކުރި ގްރޭމް ކިންގް އެވެ.

މި ފިލްމްގައި ފްރެޑީ މާކިއުރީގެ ރޯލުއަދާކުރި ރަމީ މަލެކްއަށް ވަނީ ބެސްޓް އެކްޓަރުގެ އޮސްކާ އެވޯޑް ލިބިފަ އެވެ.

ގްރޭމް ކިންގް އާއި ޖޯން ލޯގަން އެކުގައި މަސައްކަތްކުރި މާޓިން ސްކޯސީސީގެ ހަވޯޑް ހިއުޒްއަށް ހެދި "ދި އޭވިއޭޓާ" އަކީވެސް އެވޯޑް ލިބިފައިވާ ފިލްމެކެވެ.

މި ފިލްމްގެ ކާސްޓް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ލަޔަންސްގޭޓުން ބުނީ މި ފިލްމްގައި މައިކަލްގެ ހަޔާތުގެ ގިނަ ކަންތައްތައް ދައްކާނެ ކަމަށެވެ. މައިކަލްގެ ސިފަ ބަދަލުވަމުން، ހަމުގެ ކުލަ ދޮންވަމުން އައި ކަމަކީ މުޅި ދުނިޔެއަށް ފެންނަމުން އައި ކަމެކެވެ.

ބޮޑެތި ކާމިޔާބީ ހޯދި މައިކަލް ކުޑަކުދިންތަކަކަށް ޖިންސީ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުތަކެއް ފެންމަތިވެ، ބައެއް މައްސަލަތައް ސާބިތު ނުވިއިރު، ބައެއް މައްސަލަތައް ކޯޓުން ބޭރުގައި ފައިސާގެ އެއްބަސްވުމަކަށް އައިސް ނިންމާފައިވެ އެވެ.

މިކަމާ ގުޅޭ ޑޮކިއުމެންޓްރީއެއް އެޗްބީއޯއިން 2019 ގައި "ލީވިން ނެވާލޭންޑް"ގެ ނަމުގައި ހަދާފައިވާއިރު، އަލަށް ހަދާ މައިކަލްގެ ބަޔޯޕިކްގައި މި ކަންތައްތައް ގެނެސްދޭނެ ގޮތުގެ ތަފްސީލް އަދި އެނގިފައެއް ނުވެ އެވެ.

ކުޑައިރުއްސުރެ ލަވަކިޔަމުން އައި މައިކަލް ޖެކްސަން އަކީ 13 ފަހަރު ގްރެމީ އެވޯޑް ހާސިލްކުރި ތަރިއެކެވެ.

މައިކަލްއަކީ ގިނަ ސާޖަރީތަކެއް ހެދި މީހެކެވެ. 2009 ގައި އުމުރުން 50 އަހަރުގައި މައިކަލް މަރުވެފައިވަނީ ޕެއިންކިލާ އޯވަޑޯޒްއަކުން ހިތްހުއްޓިގެންނެވެ.

މައިކަލްގެ ހަޔާތުގައި ދެ ކައިވެނިކޮށް މަރުވިއިރު ދެވަނަ އަނބި ޑެބީ ރޯ އަށް ތިން ކުދިން ލިބިފައިވެ އެވެ.

މައިކަލްގެ ފުރަތަމަ އަނބި ލީސާ މާރީ ޕްރެސްލީ ވަނީ ދާދި ފަހުން މަރުވެފަ އެވެ.

މައިކަލްގެ އެތައް ހިޓް ލަވަތަކެއްގެ ތެރޭގައި "ތްރިލާ"، "ހޫޒް ބޭޑް؟"، "ބީޓް އިޓް"، "ބިލީ ޖީން"، "ސްމޫތް ކްރިމިނަލް"، "ބްލެކް އޯ ވައިޓް"، "ހީލް ދަ ވޯލްޑް"، "ދޭ ޑޯންޓް ކެއާ އަބައުޓް އަސް" ފަދަ ލަވަތައް ހިމެނެ އެވެ.