ދުނިޔެ

ތުރުކީ އެމްބަސީ ބޭރުގައި ގުރުއާން އަންދާތީ ސްވިޑަންގެ ސަފީރު ހާޒިރުކޮށްފި

ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީގެ ބޭރުގައި ގުރުއާން އަންދަން ނިންމައިފި އެވެ. އެ ގައުމުގެ ހަރުކަށި ކަނާތު ފިޔައިގެ ސިޔާސީ ޕާޓީއަކުން ރާވައިގެން ހިންގާ މި ހަރަކާތަށް ސަރުކާރުން މިހާރު ވަނީ ހުއްދަ ވެސް ދީފަ އެވެ.

މިކަމާ ގުޅިގެން އަންކާރާގައި ހުންނަވާ ސްވިޑަންގެ ސަފީރު ރަސްމުސް ޕަލުދަމް ތުރުކީގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

ތުރުކީން ބުނާ ގޮތުން ސިޔާސީ ހަރަކާތެއް ގޮތުގައި ހިންގި ނަމަވެސް ސްވިޑަންގެ މި ހަރަކާތް އަންކާރާއިން ކުށްވެރިކުރާނެ އެވެ.

ގުރުއާން އަންދަން ރާވާފައިވަނީ ޖެނުއަރީ މިއަދުގެ ވަގުތެއްގަ އެވެ.

ސަފީރު ހާޒިރުކުރުމަށްފަހު ސަބަބު ބަޔާކޮށް ތުރުކީ ފޮރިން މިނިސްޓްރީން ވަނީ ވެގެން އުޅޭ ގޮތް ތަފުސީލުކޮށް ދެއްވާފަ އެވެ. އަދި މިއީ މުސްލިމުންގެ މުގައްދަސް ފޮތްތަކާ މެދު އަމަލުކުރައްވައިގެން ވާނެ ގޮތެއް ނޫން ކަމަށް ސަފީރަށް ދަންނަވައި ނުރުހުން ފާޅުކޮށްފަ އެވެ.

ތުރުކީ ފޮރިން މިނިސްޓްރީން ބުނީ އެއްވެސް ބައެއްގެ މުގައްދަސް -- މާތްކޮށް ހިތާ އެއްވެސް އެއްޗަކަށް އިހާނެތިކޮށް ހިތުމަކީ ޑިމޮކްރެޓިކް ހައްގުތަކާ ވެސް ޚިލާފު ކަމެއް ކަމަށެވެ.

ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި ޔޫރަޕުން ވަރަށް ބޮޑަށް ވަކާލާތުކުރާ ކަމަށް ބުނެ ތުރުކީ ފޮރިން މިނިސްޓްރީން ބުނީ ސްވިޑަންގެ މިއަމަލު ދެކޮޅު ނުޖެހޭ ކަމަށެވެ.

ގުރުއާން އަންދަން ދައްކާނެ އެއްވެސް ހުއްޖެތެއް ނޯންނާނެ ކަމަށް ވެސް ތުރުކީން ބުނެ އެވެ.

މިއީ ތުރުކީ އާއި ސްވިޑަންއާ ދެމެދު ގުޅުން ފަނާކުރަން ކުރެވޭ ކަމެއް ކަމަށްވެސް ތުރުކީން ވަނީ ބުނެފަ އެވެ. މިކަމުގައި އޮތް އެންމެ އެދެވޭ ގޮތަކީ ގުރުއާން އަންދަން ދިން ހުއްދަ ބާތިލުކުރުން ކަމަށްވެސް ސްވިޑަންގެ ސަފީރަށް ވަނީ ދަންނަވާފަ އެވެ.

ގުރުއާން އެންދުމުގެ އިތުރުން ސްވިޑަންގައި ދިރިއުޅޭ ކުރުދީ ނަސްލުގެ މީހުން ތުރުކީއާ ދެކޮޅަށް ސްޓޮކްހޯމްގައި ހިނގާލުންތައް ބޭއްވުމަށްވެސް ވަނީ ރާވާފަ އެވެ.

ތުރުކީ ބުނާ ގޮތުން ސްވިޑަންގެ މި އަމަލުތަކަކީ -- ފިންލޭންޑާއި ސްވިޑަން ނޭޓޯގައި ބައިވެރިވުމާ މެދު ގޮތެއް ނިންމަން އަންކާރާއަށް ފަސޭހަވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

އަދި މިފަދަ އަމަލުތަކުގެ ސަބަބުން ތުރުކީއަށް މަޖުބޫރުވެދާނެ ފިޔަވަޅަކަށް ސްޓޯކްހޯމް އިން ވިސްނައިގެން އޮތުން ބުއްދިވެރި ވާނެ ކަމަށް އަންކާރާ އިން ވެސް ވަނީ ބުނެފަ އެވެ.