ދެކުނު ކޮރެއާގެ ކާމިޔާބު ޕޮޕް ބޯއީ ބޭންޑް ބީޓީއެސްގެ ކިމް ސިއެކް ޖިން ފަސް ހަފްތާގެ އަސާސީ އަސްކަރީ ތަމްރީނު ނިންމައިފި ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފި އެވެ.
އެ ހަބަރާއެކު ޖިން ވަނީ ސިފައިންގެ ޔުނިފޯމާ އެކު ހުރި ތިން ފޮޓޯ ފޭނުންނާ ހިއްސާކޮށްފަ އެވެ. މިއީ ޖިންގެ ނެޝަނަލް ސާވިސްގެ ފުރަތަމަ މަރުހަލާ އެވެ.
ހަތް މެންބަރުން ހިމެނޭ ބީޓީއެސްގެ އެންމެ ދޮށީ މެންބަރަކީ 30 އަހަރުގެ ޖިން އެވެ. ބީޓީއެސްގެ ހުރިހާ މެންބަރުން ވެސް ތަމްރީން ފުރިހަމަކުރުމަށްޓަކައި އަސްކަރިއްޔާއާ ގުޅޭނެ އެވެ.
ސައުތު ކޮރެއާގެ ގާނޫނުގެ ދަށުން ސިއްހަތު ރަނގަޅު ކުޅަދާނަ ހުރިހާ ފިރިހެނުން އެމީހުންގެ އުމުރުން 28 އަހަރު ވުމުގެ ކުރިން 18 މަހާއި 21 މަހުގެ ދެމެދުގެ މުއްދަތުގެ މިލިޓަރީ ހިދުމަތް ފުރިހަމަކުރަންޖެހެ އެވެ.
ބީޓީއެސްގެ މެންބަރުން މި ހިދުމަތް ފުރިހަމަ ކުރުމާބެހޭގޮތުން 2020 ގައި މަޝްވަރާތަކެއް ކުރިއަށްދިއުމަށްފަހު، އެ ގައުމުގެ މަޖިލީހުން ފާސްކޮށްފައިވަނީ "ސަގާފަތާއި ފަންނީގޮތުން މޮޅު" ސައުތު ކޮރެއާގެ ތަރިން އުމުރުން 30 އަހަރު ވަންދެން މިލިޓަރީ ހިދުމަތް ފުރިހަމަކުރުން ފަސްކުރެވިދާނެ ކަމަށެވެ.
މިގޮތުން ޖިންގެ ނެޝަނަލް ސާވިސް ފުރިހަމަކުރުމަށް ސައުތު ކޮރެއާގެ އަސްކަރިއްޔާއާ ގުޅިފައިވަނީ މިދިޔަ ޑިސެމްބަރު މަހު 13 ވަނަ ދުވަހު އެވެ.
ޖިން ވަނީ އުތުރުގްޔޮންޖީ ޕްރޮވިންސްގެ ޔޮންޗޮން ސިފައިންގެ މަރުކަޒުގައި އެސިސްޓެންޓް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހޮވިފަ އެވެ. ޖިންގެ އަސްކަރީ ހިދުމަތް ނިމޭނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
ބީޓީއެސްގެ މެނޭޖަރު ބިގް ހިޓް މިއުޒިކް ކުންފުނިން މީގެ ކުރިންވެސް ފޭނުންގެ ކިބައިން ވަނީ ޖިންގެ މިލިޓަރީ ސާވިސް ކުރިއަށްދާ ތަނަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ޖިންގެ މިލިޓަރީ ހިދުމަތް ނިންމާފައި އަނބުރާ އަންނަންދެން ފޭނުންގެ ދެމެހެއްޓެނިވި ލޯތްބާއި ސަޕޯޓް ބޭނުންވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ބީޓީއެސްގެ ހަތް މެންބަރުންގެ މިލިޓަރީ ހިދުމަތް ފުރިހަމަކުރުމަށް އެ ބޭންޑް ވަނީ ބްރޭކެއް ނަގާފަ އެވެ. މިގޮތުން އެ ބޭންޑްގެ އެކި މެންބަރުން އެ މެންބަރެއްގެ ވަކި ޕްލޭނަކާ އެއްގޮތަށް މިލިޓަރީ ހިދުމަތް ފަށާނެ އެވެ. އެންމެ އަވަހަށް އެކުގައި ލަވަކިޔަން ފެށޭނީ 2025 ގައި ކަމަށް ލަފާކުރެވެ އެވެ.