ފިނިޕޭޖް

އެލެކް ބޯލްޑްވިންއަށް ދައުވާ ކުރަނީ

"ރަސްޓް" ފިލްމްގެ ޝޫޓިން ތެރޭގައި ހޮލީވުޑް ފިލްމް ތަރި އެލެކް ބޯލްޑްވިން އަތުން މަރުވި ސިނެމެޓޮގްރާފާ ހެލީނާ ހަޗިންސްގެ މަރުގެ މައްސަލައިގައި، އޭނާ އަށް ގަސްތަކާ ނުލައި މީހަކު މެރުމުގެ ދައުވާ ކުރުމަށް ނިންމައިފި އެވެ.

އެލެކްގެ އިތުރުން އެ ފިލްމް ސެޓްގެ އާމަރަ ހެނާ ގުތިއަރެޒް-ރީޑްގެ މައްޗަށްވެސް މި ދައުވާ އުފުލާނެ އެވެ.

ސެންޓަ ފޭގެ ކައުންޓީ ޑިސްޓްރިކްޓް އެޓާނީ މޭރީ ކޯމެކް-އޯލްޓްވީޒް ބުނީ އޭނާގެ ބެލުމުގު ދަށުގައި އެއްވެސް މީހެއް ގާނޫނަށްވުރެ މަތިވެގެން ނުވާނެ ކަމަށެވެ.

ނިއު މެކްސިކޯ އަކީ ބަޑި އަދި އާންމުގެ ރައްކާތެރިކަން ވަރަށް ސީރިއަސްކޮށް ނަގާ ސްޓޭއް ކަމަށާއި އެލެކް، ހެނާ އަދި ޑޭވިޑްގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށްފައިވާނަމަ، ހެލީނާ ދޫކޮށްފައި ދާން ނުޖެހުނީސް ކަމަށް ސްޕެޝަލް ޕްރޮސެކިއުޓާ އެންޑްރިއާ ރީބް ބުންޏެވެ.

އެލެކް އާއި ހެނާގެ މައްޗަށް މި މަސް ނިމުމުގެ ކުރިން ދައުވާ އުފުލާނެ ކަމަށް ކައުންޓީ ޑިސްޓްރިކްޓް އެޓާނީ އޮފީހުން ބުންޏެވެ. މި ހާދިސާގައި ޒަހަމްވި ޖޮއެލް ސޫޒާގެ ގަޔަށް ވަޒަން އެރުމާ ގުޅިގެން އެއްވެސް ދައުވާއެއް ނުއުފުލާނެ އެވެ.

"ރަސްޓް"ގެ އެސިސްޓަންޓް ޑައިރެކްޓާ ޑޭވިޑް ހޯލްސް ވަނީ ފަރުވާ ކުޑަކޮށް ފުރާނައަށް ގެއްލުންހުރި ހަތިޔާރެއް ބޭނުންކުރުމުގެ ދައުވާއަށް ޕްލީ އެގްރީމަންޓެއްގައި ސޮއިކޮށްފަ އެވެ.

މި ޕްލީ އެގްރީމަންޓްގެ ދަށުން ޑޭވިޑްއަށް ކުރިމަތިވީ ޖަލު ހުކުމެއްގެ ބަދަލުގައި އަންސުޕަވައިޒްޑް ޕްރޮބޭޝަނާއި 5000 ޑޮލަރުގެ ޖޫރިމަނާ އެކެވެ. ޑޭވިޑްގެ ވަކީލު ބުނީ އެލެކް އަތަށް ހެލީނާ ގަޔަށް ޖެހުނު ބަޑި ނުދޭ ކަމަށެވެ.

މިކަމާ ގުޅިގެން އެލެކްގެ ވަކީލު ލޫކް ނިކާސް "ދަ ޕީޕަލް" އަށް ދިން ބަޔާނެއްގައި ބުނީ އެލެކް އަށް ދައުވާ ކުރުމަށް ނިންމި ނިންމުމަކީ ހެލީނާ ހަޗިންސްގެ ހިތާމަވެރި މަރުގެ ހަގީގެއް އޮޅިގެންދާ ކަމެއް ކަމަށާއި އެއީ އިންސާފަށް ހުރި ވަރަށް ބޮޑު ވެއްޓުމެއް ކަމަށެވެ.

ލޫކް ބުނީ އެލެކް ޝޫޓިން ތެރޭގައި ބަޑިހިފައިގެން އުޅުނުއިރު، އެ ބަޑީގައި އަދި ފިލްމް ސެޓްގައި ލައިވް ވަޒަނެއް ހުންނާނެ ކަމަށް އެލެކް ވިސްނާނެ އެއްވެސް ސަބަބެއް ނެތް ކަމަށާއި އޭނާ ވަނީ އެކަމުގެ ޕްރޮފެޝަނަލުން ލައިވް ވަޒަނެއް ނެތް ކަމަށް ބުނުމުން، އެމީހުންގެ ބަހަށް އިތުބާރުކޮށްފައި ކަމަށެވެ. އަދި މި ދައުވާއާ ހިލާފަށް ވަކާލާތުކޮށް މި ކޭސް ކާމިޔާބު ކުރާނެ ކަމަށްވެސް ލޫކް ބުންޏެވެ.

ހެނާގެ ވަކީލުންވެސް ބުނަނީ ހެނާގެ މައްޗަށް އުފުލާ ގަސްތަކާ ނުލައި މީހަކު މެރުމުގެ ދައުވާއަކީ ސައްހަ ދައުވާއެއް ނޫން ކަމަށާއި މިއީ މައްސަލަތަކެއް ހުރި ތަހުގީގަކާއި އެ ހާދިސާ ހިނގި ގޮތް ވިސްނިފައިވާ ގޮތް ނުރަނގަޅުވުމުގެ ނަތީޖާ ކަމަށެވެ. އަދި ހަގީގަތް ޝަރީއަތުގައި ހުށަހެޅުމުން، ޖޫރީ ހަނާ މިކަމުން ސަލާމަތްކުރާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

ސެންޓާ ފޭގެ ކައުންޓީ ޝެރިފް އޮފީހުގެ ތަހުގީގު

ސެންޓަ ފޭގެ ކައުންޓީ ޑިސްޓްރިކްޓް އެޓާނީ އޮފީހުން އެލެކްއަށް ދައުވާކުރުމަށް ނިންމާފައިވަނީ އެ ކައުންޓީގެ ޝެރިފްގެ ތަހުގީގު ނިމުމާ ގުޅިގެންނެވެ.

ސެންޓާ ފޭ ކައުންޓީ ޝެރިފްގެ ތަހުގީގުން ދައްކަނީ "ރަސްޓް" ފިލްމްގެ ސެޓްގައި ހާއްސަކޮށް ހަތިޔާރު ގެންގުޅުމުގައި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅާފައިވާ މިންވަރަކީ ގާނޫނީ ކުށަކަށް ވާވަރުގެ ދަށު ފިޔަވަޅުތަކެއް ކަމަށެވެ. އަދި ވަޒަންތަކުގެ ތެރޭގައި ފޭކު ވަޒަނާއި ހުސް ދޯރިއާއި ލައިވް ވަޒަން މަސްހުނިވެފައި ހުރި ކަމަށްވެސް ތަހުގީގުން ހާމަވެގެން ދިޔަ އެވެ. ފިލްމު ޝޫޓިން ތަކުގައި އާންމުކޮށް ބޭނުންކުރަނީ ފޭކު ވަޒަނާއި ހުސް ދޯރިތަކެވެ.

ޝެރިފް އޮފީހުން ތަހުގީގަށް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި)ގެ އެހީތެރިކަންވެސް ހޯދާފައިވެ އެވެ.

ޝެރިފް އޮފީހުން މި ތަހުގީގު ނިންމާފައިވަނީ އެ ހާދިސާ ހިނގިތާ އެއް އަހަރު ފަހުން 27 އޮކްޓޯބަރު 2022 ގައެވެ.

"ރަސްޓް" ފިލްމު ޝޫޓިންގެ ހާދިސާ

އޮކްޓޯބަރު 21، 2021 ގައި ނިއު މެކްސިކޯގެ ވީރާނާވެފައި އޮތް އަވަށެއްގައި "ރަސްޓް" ފިލްމްގެ ޝޫޓިން ކުރިއަށް ދަނިކޮށް، އެލެކް ބޯލްޑްވިންގެ އަތުގައި އޮތް ޕްރޮޕް ބަޑިއެއް ޕްރެކްޓިސްކުރުމުގެ ގޮތުން ދިމާކޮށް އުޅުމުގެ ތެރޭގައި ބަޑި ޖެހި، ފިލްމްގެ ސިނަމެޓޮގްރާފާ ހަލީނާ ހަޗިންސްގެ ހަށިގަނޑަށް އެރި ވަޒަން ހަށިގަނޑު ފޫއަޅައިގެންގޮސް ޑިރެކްޓަރު ޖޮއެލް ސޫޒާގެ ކޮނޑުގައި ޖެހި ޒަހަމްތަކެއް ލިބުނެވެ. އަދި ހެލީނާ ގަޔަށް އެރި ވަޒަނުގެ ސަބަބުން އޭނާ ވަނީ މަރުވެފަ އެވެ.

އެލެކް ބުނީ އޭނާ އަތަށް ބަޑި ދިނީ އެސިސްޓަންޓް ޑައިރެކްޓާ ޑޭވިޑް ހޯލް ކަމަށެވެ. އެލެކް އަކީ މި ފިލްމްގެ ތަރީގެ އިތުރުން ޕްރޮޑިއުސަރެކެވެ.

ގަސްތަކާ ނުލައި މީހަކު މެރުމުގެ ދައުވާ

ނިއު މެކްސިކޯގައި ގަސްތަކާ ނުލައި މީހަކު މެރުމުގެ ދައުވާ އަކީ ހަތަރުވަނަ ޑިގްރީގެ ކުށެކެވެ. މި ކުށުގެ މާނައަކީ ދައުވާ ލިބޭ ފަރާތުން ގާނޫނު ހުއްދަދޭ ނަމަވެސް ނުރައްކާތެރި ކަމެއް ކުރުމުގެ ތެރޭގައި، ފަރުވާ ކުޑަ ނޫނީ ޒިންމާދާރު ކުޑަކޮށް އަމަލުކުރުމުގެ ސަބަބުން މީހަކު މަރުވުމެވެ.

މި ކުށް ސާބިތުވެއްޖެ ހާލަތުގައި އަދަބެއްގެ ގޮތުގައި ގިނަ ވެގެން 18 މަސް ދުވަހާ ހަމައަށް ޖަލު ހުކުމަކާއި 5000 ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅިދާނެ އެވެ.

މި ކޭސްގައި ބަޑިއެއް ބޭނުންކޮށްފައިވާތީ، ފަސް އަހަރުގެ މެންޑޭޓަރީ ޖަލު ހުކުމެއް ކަނޑައެޅިދާނެ އެވެ.