ފިނިޕޭޖް

ޖޭ ލޯގެ "ޝޮޓްގަން ވެޑިން" އެމެޒޯން ޕްރައިމަށް

އުމުރުން 53 އަހަރުގެ ޖެނިފާ ލޮޕޭޒްގެ އާ ފިލްމް "ޝޮޓްގަން ވެޑިން" މިމަހުގެ 27 ވަނަ ދުވަހު އެމެޒޯން ޕްރައިމަށް ރިލީޒްކުރަނީ އެވެ.

މި ފިލްމް ވަނީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު ސިންގަޕޫރުގައި ރިލީޒްކޮށްފަ އެވެ.

ރޮމޭންޓިކް ކޮމެޑީއެއް ކަމުގައިވާ "ޝޮޓްގަން ވެޑިން" ގައި ޖޭ ލޯ އާއެކު ލީޑް ރޯލް އަދާކުރަނީ ޖޯޝް ޑުހަމެލް އެވެ.

މި ފިލްމުގައި ޖެނިފާ ކޫލިޖް، ސޯނިއާ ބްރާގާ، ޗީޗް މެރިން، ސެލީނާ ޓޭން، ޑާސީ ކާޑެން، ކެލީ ހާނަންޑޭޒް، ޑެސްމިން ބޯޖަސް، ސްޓީވް ކޯލްޓާ އަދި ލެނީ ކްރެވިޓްޒްވެސް ހިމެނެ އެވެ.

ޖޭސަން މޯ ޑައިރެކްޓް ކުރި މި ފިލްމުގައި ޖޭ ލޯ އާއި ޖޯޝްގެ ކެރެކްޓާ ޑާސީ އާއި ޓޮމް، ދެ މީހުންގެ އާއިލާ ޑެސްޓިނޭޝަން ވެޑިން އަކަށް ގެނެ އެވެ.

ވެޑިންގެ ކަންތަކުގެ ތެރޭގައި ދެމީހުން ކައިވެނި ނުކުރުމަށް ނިންމާ ތަނުން، ބަޔަކު ވެޑިން ޕާޓީގައި ތިބޭ މީހުން ހޮސްޓެޖުންގެ ގޮތުގައި ހިފަހައްޓަ އެވެ. ދެން ވާގޮތް އޮޅުންފިލުވުމަށް ފިލްމު ބަލާލާށެވެ.

މި ފިލްމަކީ ޖޭ ލޯ އާއި ރަޔާން ރެނޯލްޑްސް ޕްރޮޑިއުސްކުރި ފިލްމެކެވެ.

މި ފިލްމްގައި ލީޑް ރޯލް ކުޅުމަށް ފުރަތަމަ ހަމަޖެހުނީ ރަޔާން އެވެ. އެހެންނަމަވެސް ފަހުން އާމީ ހެމާ އަށް ލީޑް ރޯލް ބަދަލުކުރި ތަނައި، އޭނާއަށް ޖިންސީ އަމަލުތަކެއްގެ ތުހުމަތުތަކެއް ކުރެވުމުން ފިލްމުން ވަކިވި އެވެ.

ޖޯޝް ޑުހަމެލް މި ފިލްމުގެ ލީޑް ރޯލަށް ގުޅިފައިވަނީ ޖެނުވަރީ 2021 ގައެވެ. މި ފިލްމް ޝޫޓްކޮށްފައިވަނީ ޑޮމިނިކަން ރިޕަބްލިކްގަ އެވެ.