ޓޫރިޒަމް

ފަތުރުވެރިކަމަށް 10 ރަށާއި ހަތަރު ފަޅު ދޫކުރުން މާދަމާ

Jan 22, 2023

ފަތުރުވެރިކަން ތަރައްގީކުރަން 10 ރަށާއި ހަތަރު ފަޅު ދޫކުރަން މާދަމާ އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މާދަމާ އިއުލާނުކުރާ ރަށްތަކުގެ ތެރޭގައި ހއ. އާއި ހދ. އަތޮޅުން ތިން ރަށެއް ހިމެނެ އެވެ.

އޭގެ އިތުރުން ގދ. އަތޮޅުން ތިން ރަށާއި ގއ. އަތޮޅުން ދެ ރަށާއި ތ. އަތޮޅުން ރަށަކާއި މ. އަތޮޅުން ރަށެއް ހިމެނެ އެވެ.

ފަޅުގެ ގޮތުގައި ދޫކުރަނީ ފ. އަތޮޅުން ދެ ފަޅާއި މާލެ އަތޮޅުގެ ފަޅެއްގެ އިތުރުން ރ. އަތޮޅުގެ ފަޅެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފަތުރުވެރިކަމަށް މިވަގުތު ރާއްޖޭގައި 168 ރިސޯޓް ދަނީ ހިންގަމުންނެވެ. ޓޫރިޒަމަށް ދޫކޮށްފައިވާ 61 ރަށާއި 24 ފަޅު ނުހެދި ހުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޮޑު ތިލަދުންމައްޗަށް ފަތުރުވެރިކަމުގެ 8000 އެނދު ތަރައްގީކުރުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ތިލަދުންމަތިން ފަތުރުވެރިކަމަށް ތިން ރަށެއް ދޫކުރާއިރު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހަނިމާދޫ އެއާޕޯޓް ފުރިހަމައަށް ހިންގުމަށް ކުރިއަށް އޮތް އަހަރުތަކުގައި އެ ސަރަހައްދަށް 8،000 ޓޫރިސްޓް އެނދު ބޭނުންވާ ކަމަށެވެ.