ޓޫރިޒަމް

ރިސޯޓުތައް މަރާމާތުކުރަން ދެ އަހަރު ދެނީ

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ރީޑިވެލޮޕްމަންޓަށް ބަންދުކުރުމަށް ހުއްދަ ދޭ މުއްދަތު ދެ އަހަރަށް އިތުރުކޮށްފި އެވެ.

ރީޑިވެލޮޕްމަންޓަށް ބަންދުކުރުމަށް ހުއްދަ ދޭ މުއްދަތު އިތުރުކުރީ ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހާއެކުގަ އެވެ.

ގަވާއިދަށް ގެނައި އިސްލާހަށް އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.

މި ގަވާއިދުގައި ކުރިން އޮތް ގޮތުން ރީޑިވެލޮޕްމަންޓަށް ތަނެއް ބަންދުކުރުމަށް ހުއްދަ ދެވޭނީ ގިނަވެގެން 18 މަސް ދުވަހަށެވެ.

ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު ރީޑިވެލޮޕްމަންޓަށް ތަނެއް ބަންދުކުރުމަށް ގިނަވެގެން ދެ އަހަރު ދެވޭ ގޮތަށް ވަނީ ގަވާއިދަށް ބަދަލު ގެނެސްފަ އެވެ.

މީގެ އިތުރުން ގަވާއިދަށް އަމަލުކުރަން ފަށާއިރު ރީޑިވެލޮޕްމަންޓަށް ބަންދުކޮށްފައިވާ ތަންތަން ރީޑިވެލޮޕްކުރަން ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން އިތުރު އެއް އަހަރުގެ މުއްދަތެއް އެ ތަންތަން ރީޑިވެލޮޕްކުރުމަށް ދެވިދާނެ ކަމަށް އިސްލާހުގައިވެ އެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ރީޑިވެލޮޕްމަންޓަށް ބަންދުކުރުމަށް ހުއްދަ ދޭ މުއްދަތު އިތުރުކޮށްފައިވާއިރު ރިސޯޓުތައް ހުއްޓިފައި އޮތުމުން އިގުތިސާދަށް ގެއްލުންވަމުންދާކަން ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ.

އެ ގޮތުން ފިނޭންސް މިނިސްޓްރީން މިއަހަރު ނެރުނު ފިސްކަލް ހިރާސްތަކުގެ ބަޔާނުގައިވާ ގޮތުން 80 އަށްވުރެ ގިނަ ރިސޯޓު ވަނީ ހުއްޓިފަ އެވެ. އެ ރަށްތަކުން ފަތުރުވެރިކަމަށް 21،000 އެނދު އިތުރުކުރެވިދާނެ ކަމަށް ލަފާކޮށްފައިވާއިރު އެ ރަށްތައް އޮޕަރޭޝަނަށް ގެނެވިއްޖެ ނަމަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިގުތިސާދަށް އަހަރެއްގެ މައްޗަށް އިތުރު 1.7 ބިލިއަން ޑޮލަރު ހިއްސާކުރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.