ރާއްޖޭގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް އަންހެން ދުވުންތެރިޔާ، ޝަމްހާ އަހުމަދު، ހާފް މެރަތަން ގައުމީ ރެކޯޑް އަނެއްކާވެސް މުގުރާލައިފި އެވެ.
ޝަމްހާ ގައުމީ ރެކޯޑް އާކުރީ ބަންގްލަދޭޝްގައި އިއްޔެ ކުރިއަށްދިޔަ ބަންގުބަންދު މެރަތަންގައި ވާދަކޮށްގެންނެވެ. ރެކޯޑް ހެދި ރޭސް ޝަމްހާ ނިންމީ 1 ގަޑިއިރާއި 26 މިނެޓު 41 ސިކުންތުންނެވެ.
މިއީ ޝަމްހާ މި ރެކޯޑް ޖެހިޖެހިގެން މުގުރާލި ދެވަނަ ފަހަރެވެ. ޝަމްހާ އެންމެ ފުރަތަމަ ހާފް މެރަތަން ގައުމީ ރެކޯޑް މުގުރާލީ މިދިޔަ ސެޕްޓެމްބަރު މަހު ނޯވޭގެ އޮސްލޯގައި ކުރިއަށްދިޔަ މެރަތަންގަ އެވެ. އެފަހަރު ގައުމީ ރެކޯޑް ހެދީ 1 ގަޑިއިރާއި 27 މިނެޓު 51 ސިކުންތުންނެވެ.
ޝަމްހާގެ ކުރިން މި ރެކޯޑް އޮތީ މަރްޔަމް އަބްދުލް ކަރީމް (މަރީ) އަތުގަ އެވެ. މަރީ ގައުމީ ރެކޯޑް އާކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔޫއޭއީގައި އޮތް ރަކް އަލް ހައިމާ ހާފް މެރަތަންގަ އެވެ. އެފަހަރު މަރީ ރެކޯޑް ހެދީ 1 ގަޑިއިރާއި 30 މިނެޓު 46 ސިކުންތުންނެވެ.
ޝަމްހާ ވަނީ މިދިޔަ އަހަރު ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑް ވެސް އާކޮށްފަ އެވެ. އެ ރެކޯޑް ހެދީ ޖަރުމަނުގައި އޮތް ހާފް މެރަތަންގަ އެވެ. މީގެ އިތުރުން ޝަމްހާ އަތުގައި 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް އޮތެވެ. އެކަމަކު އެ ރެކޯޑް މިހާރު ވަނީ ހިމްނާ ހަސަން މުގުރާލާފަ އެވެ.
ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނިގެން ޝަމްހާ ވާދަކުރަނީ ނަސްރުﷲ އަހުމަދު (ނަސްރު) ގެ ބެލުމުގެ ދަށުންނެވެ. ނަސްރު އަކީ ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް މެރަތަން ދުވުންތެރިޔާ އެވެ.
ޝަމްހާގެ އިތުރުން މަރީ އާއި ފަވާޒް މުހައްމަދު އަދި ޔޫސުފް އިބްރާހީމް ބަންގުބަންދު މެރަތަންގައި ވާދަކުރެ އެވެ.