އެކްޓަރު މައިކަލް ޖޭ ފޮކްސްގެ ހަޔާތަށް ޑޮކިއުމެންޓަރީއެއް ހަދައި މިމަހުގެ 20 ވަނަ ދުވަހު ރިލީޒްކޮށްފި އެވެ.
އިސްކޮޅުން ކުރުނަމަވެސް، ކެނެޑިއަން-އެމެރިކަން އެކްޓަރު މައިކަލް ޖޭ ފޮކްސް އަކީ ހަޔާތުގެ އެންމެ ވިދާލި ދުވަސްވަރު ޕާކިންސަންސް ޑިޒީޒް ޖެހިގެން، އެ ބައްޔާ އެކުގައިވެސް ކާމިޔާބީ ހޯދި ހިތްވަރު ގަދަ އަދި ހުނަރުވެރި އެކްޓަރެކެވެ.
ޑޭވިސް ގުގެންހައިމް ޑައިރެކްޓްކުރާ "ސްޓިލް: އަ މައިކަލް ޖޭ ފޮކްސް މޫވީ" ރިލީޒްކޮށްފައިވަނީ ސަންޑޭންސް ފިލްމް ފެސްޓިވަލްގަ އެވެ.
އެޕަލް އޮރިޖިނަލް ފިލްމްސް އިން ރައިޓްސް ހޯދާފައިވާ މި ޑޮކިއުމެންޓަރީގައި މައިކަލްގެ ރޯލުން ފެންނާނީ ޑެނީ އިރިޒާރީ އެވެ. އަދި ސްޓީވަން ސްޕީލްބާގްގެ ރޯލުން ފެންނާނީ އެންޑްރޫ ބާބާ އެވެ.
އުމުރުން 61 އަހަރުގެ މައިކަލްގެ ހަޔާތަށް ބަލާއިރު، ޕާކިންސަންސްގެ ސަބަބުން ހަޔާތަށާއި އެކްޓިން ކެރިއާ އަށް އަސަރު ކުރި ނަމަވެސް، އޭނާގެ ހިތްވަރުން އެކްޓުކުރުމުގައި ކުރިއަށް ގޮސްފައިވެ އެވެ.
މިބަލި ޖެހުމަށްފަހު ޑިޕްރެޝަން އާއި ރަލުގެ އެޑިކްޝަނުން ފަރުވާ ހޯދިއެވެ. ޕާކިންސަންސްގެ ސިމްޕްޓަމްސް ގޯސްވުމުން، މައިކަލް ވަނީ ފިލްމުތަކުގައި އެކްޓްކުރުމުގެ ބަދަލުގައި ޓީވީ ސީރީޒްތަކަށް އެކްޓްކުރުން ބަދަލުކޮށްފަ އެވެ.
މިހާތަނަށް އޮނަރަރީ އޮސްކާއަކާއި ފަސް ޕްރައިމް ޓައިމް އެމީ އެވޯޑާއި ހަތަރު ގޯލްޑަން ގްލޯބް އެވޯޑާއި ދެ ސްކްރީން އެކްޓާސް ގިލްޑް އެވޯޑާއި ގްރެމީ އެވޯޑެއް ހާސިލްކޮށްފައިވެ އެވެ. ޕާކިންސަންސް ޝިފާ އެއް ހޯދުމަށް މައިކަލް ޖޭ ފޮކްސް ފައުންޑޭޝަން އުފައްދައި، އެ ބަލީގެ ރިސާޗްއަށް ފަންޑުކުރެ އެވެ. މައިކަލް ވަނީ 2020 ގައި ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން ރިޓަޔާކޮށްފަ އެވެ.
1988 ގައި މައިކަލް ކައިވެނިކޮށްފައިވަނީ އޭނާގެ "ފެމިލީ ޓައިޒް" ކޯ-ސްޓާ ޓްރޭސީ ޕޮލަންއާ އެވެ. މި ދެމަފިރިންނަށް ހަތަރު ކުދިން ލިބިފައިވެ އެވެ.
މައިކަލް ޖޭ ފޮކްސް އަކީ "ބެކް ޓު ދަ ފިއުޗާ" ފިލްމްތަކުގައި ލީޑް ރޯލް ކުޅުމުގެ އިތުރުން "ޓީން ވުލްފް"، "ކެޝުއަލްޓީޒް އޮފް ވޯ"، "ދަ ފްރައިޓްނާސް"، "ދަ ސީކްރެޓް އޮފް މައި ސަކްސެސް"، "ޑޮކް ހޮލީވުޑް"، "ސްޓުއާޓް ލިޓްލް" ފިލްމްތައް، "ސްޕިން ސިޓީ"، "ދަ ގުޑް ވައިފް" އަދި "ދަ މައިކަލް ޖޭ. ފޮކްސް ޝޯ" ފަދަ ފިލްމް އަދި ސީރީޒްތަކުގައި އެކްޓްކޮށްފައިވާ ތަރިއެކެވެ.