ފިނިޕޭޖް

"ކޯބްރާ ކައި" ހަވަނަ ސީޒަނެއް އަންނަނީ

ނެޓްފްލިކްސްގެ "ކޯބްރާ ކައި" ހަވަނަ ސީޒަނަށް ރިނިއުކޮށްފި އެވެ. މިއީ މި ސީރީޒްގެ އެންމެ ފަހު ސީޒަނެވެ.

މިކަން އިއުލާންކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ސީރީޒް ކްރިއޭޓަރުން ކަމުގައިވާ ކައުންޓާބެލެންސް އެންޓަޓެއިންމަންޓްގެ ޖޯޝް ހީލްޑް، ޖޯން ހާވިޓްޒް އަދި ހޭޑަން ޝްލޮސްބާގް އެވެ.

"ކޯބްރާ ކައި" އަކީ ރޮބަޓް މާކް ކޭމަން ހެދި "ދަ ކަރާޓޭ ކިޑް" ފިލްމްތަކުގެ ސްޕިން-އޮފް ސީރީޒެކެވެ.

މި ސީރީޒްގައި އަންޑަޑޯގުން ހީރޯއަށް ބަދަލުވި ޑެނިއަލް ލަރޫސޯ އާއި "މިސްއަންޑަސްޓުޑް ބުލީ" އެއް ކަމުގައިވާ ޖޮނީ ލޯރަންސްގެ ވާދަވެރި ވާހަކަ ގެނެސްދެ އެވެ.

"ކޯބްރާ ކައި" އިން ފެންނާނީ 1984ގެ "ދަ ކަރާޓޭ ކިޑް" ފިލްމްގައި ފެންނަ، އޯލް ވެލީ ކަރާޓޭ ޓޯނަމަންޓްގެ 30 އަހަރު ފަހުންނެވެ. އަދި ގިނަ އާ ކެރެކްޓާތަކެއް ތައާރަފްކުރެވިފައިވެ އެވެ. މި ކެރެކްޓާތައް ކުޅެފައިވަނީ ޒޯލޯ މެރިދުއެންޔާ، ކޯޓްނީ ހެންގެލާ، ޓެނާ ބިއުކެނަން، މޭރީ މައުޒާ، ޖޭކަބް ބާޓްރަންޑް، ޕޭޓަން ލިސްޓް، ވެނެސާ ރޫބިއޯ ފަދަ ތަރިންނެވެ.

މި ސީރީޒްގައި ޑެނިއަލް އަދި ޖޮނީގެ ރޯލް އަދާކުރަނީ އޮރިޖިނަލް "ދަ ކަރާޓޭ ކިޑް" ފިލްމްގައި އެ ރޯލް އަދާކުރި ރަލްފް މާކިއޯ އާއި ވިލިއަމް ޒަބްކާ އެވެ.

މީގެ އިތުރުން އޮރިޖިނަލް ފިލްމު ފްރެންޗައިޒްގެ އެލިޒަބަތް ޝޫ، ޔޫޖީ އޮކުމޯޓޯ، މާޓިން ކޯވް، ތޯމަސް އިޔާން ގްރިފިތް، ރޮބީން ލައިވްލީ، ޝޯން ކަނާން އަދި ޓެމްލީން ޓޮމީޓާ ފަދަ ތަރިން މި ސީރީޒްއިން ފެނެ އެވެ.

މި ސީރީޒްގެ ފުރަތަމަ ދެ ސީޒަން ލޯންޗްކޮށްފައިވަނީ ޔޫޓިއުބް ރެޑް ނުވަތަ ޕްރީމިއަމްގަ އެވެ. އަދި ނެޓްފްލިކްސްއަށް ބަދަލުކޮށްފައިވަނީ ތިންވަނަ ސީޒަނުން ފެށިގެންނެވެ.