ފިނިޕޭޖް

ދަ ޕޮޑް ޖެނެރޭޝަން: ތަފާތު ފިލްމެއް

ސަންޑޭންސް ފިލްމް ފެސްޓިވަލްގައި މިދިޔަ ހުކުރު ދުވަހު ތަފާތު ސައިންސް ފިކްޝަން ރޮމޭންޓިކް ކޮމެޑީއެއް ރިލީޒްކުރިއެވެ.

"ޕޮޑް ޖެނެރޭޝަން" ލިޔެ، ޑައިރެކްޓްކުރީ "ކޯލްޑް ސޯލްސް" އާއި "މެޑަމް ބޯވަރީ"ގެ ޑައިރެކްޓަރު ސޯފީ ބާތްސް އެވެ. މި ފިލްމް ޝޫޓްކޮށްފައިވަނީ ބެލްޖިއަމްގަ އެވެ.

މި ފިލްމްގައި ފެންނަނީ ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސް، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ވަރަށް ބޮޑު ދައުރެއް ކުޅޭ ތަނެވެ. މިގޮތުން ރޭޗަލް އާއި އަލްވީ އަކީ އެކުގައި ދިރިއުޅޭ ދެ ލޯބިވެރިންނެވެ.

ރޭޗަލް ވަރަށް ބޭނުންވި ވަޒީފާއެއް ދަ ވޫމްބް ސެންޓަރުން ލިބެ އެވެ. ދަ ވޫމްބް ސެންޓަރަކީ ވަކިކުރެވޭ އާޓިފިޝަލް ރަހިމް ނޫނީ ޕޮޑްސް މެދުވެރިކޮށް، ފަސޭހަ އަދި ޝެއާކުރެވޭ ޕްރެގްނަންސީއެއްގެ ފުރުސަތު ފޯރުކޮށްދޭ ކުންފުންޏެކެވެ.

އަލްވީ އަކީ ގުދުރަތީ ކަންތައްތަކަށް ލޯބިކުރާ ބޮޓަނިސްޓެކެވެ. އަދި ބޭނުންވަނީ ގުދުރަތީ ޕްރެގްނަންސީ އެކެވެ. ދެން މި ދެ ލޯބިވެރިން މައިންބަފައިންނަށްވުމުގެ ތެރޭގައި ކަންތައްތައް ކުރިއަށްދާ ގޮތް ފެންނާނެ އެވެ.

"ޕޮޑް ޖެނެރޭޝަން"ގައި ރޭޗަލްގެ ރޯލް "ގޭމް އޮފް ތްރޯންސް"ގެ އެމީލިއާ ކްލާކް އަދާކުރިއިރު، އަލްވީގެ ރޯލް އަދާކުރީ "12 އިޔާސް އަ ސްލޭވް"ގެ ޗްއެތަލް އެޖިއޯފޯ އެވެ.

މީގެ އިތުރުން ރޮޒަލީ ކްރޭގް، ވިނެޓް ރޮބިންސަން، ކެތްރިން ހަންޓާ އަދި ޖޯން-މާކް ބާ މި ފިލްމުގައި ހިމެނެ އެވެ.

މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ސޯފީ ބުނީ މި ފިލްމު ހެދުމުގެ ވިސްނުން އައީ ނިއު ޔޯކްގައި ވިހެއުމަށްފަހުގައި ކަމަށެވެ.

ސޯފީ ބުނީ އެމެރިކާގައި ސިޒޭރިއަން ހަދާ އަދަދަކީ 50 ޕަސެންޓް ކަމަށާއި ޔޫއެން އިން ބުނަނީ އެ ރޭޓް ވާންޖެހޭނީ 12 ޕަސެންޓް ކަމަށެވެ. ހެލްތްކެއާ ސިސްޓަމުން އިންޝުއަރަންސްގެ ފައިދާ ނަގާ ކަމަށާއި އެއީ ސިޒޭރިއަން ހެދުމުގެ އަގު ވިހެއުމުގެ އަގަށްވުރެ މާބޮޑު ވުމުންކަމުގައި އަދި އެކަންތައްތައް ކޮމޯޑިޓީއަކަށް ހަދައިފި ކަމުގައި ސޯފީ ބުންޏެވެ.