އުލިގަން

އުލިގަމުގައި މިއަހަރު 80 ޔޮޓު ބަނދަރު ކުރަނީ

ރާއްޖެއަށް އަންނަ ލަގްޒަރީ ޔޮޓުތައް އެންމެ ގިނައިން ބަނދަރު ކުރާ އެއް ރަށް ކަމަށްވާ ހއ. އުލިގަމަށް މިއަހަރު ނިމުމުގެ ކުރިން 80 ޔޮޓު ބަނދަރު ކުރުމަށް ހަމަޖެހިއްޖެ އެވެ.

ކޮވިޑް 19ގެ ކުރިން އަހަރަކު 200 އެއްހާ ޔޮޓު ބަނދަރު ކުރަމުން އައި އުލިގަމުގައި މިދިޔަ އަހަރު ބަނދަރުކޮށްފައިވަނީ 40 ޔޮޓެވެ. މިއަހަރު އުލިގަމުގައި ބަނދަރު ކުރާނެ ކަމަށް ލަފާކޮށްފައިވަނީ 80 ޔޮޓެވެ.

އުލިގަމު ކައުންސިލްގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެ ކައުންސިލުން ފާހަގަކުރަނީ އުލިގަމުގައި ބަނދަރު ކުރާ ޔޮޓުތަކުން ފައިބާ ފަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭނެ ތަންތަން ނުހުރުމެވެ.

އުލިގަމު ކައުންސިލުން ވަރަށް ފަހުން ވަނީ ސިޓީ ހޮޓަލަކާއި ގެސްޓް ހައުސްއެއް އެޅުމަށް ބީލަމަށް ހުޅުވާލާފަ އެވެ. އުލިގަމު ކައުންސިލްގެ އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން އެތަންތަނުގައި ފަތުރުވެރިންނަށް ހިދުމަތް ދޭން ފެށުމެވެ.

މިހާރުވެސް އުލިގަމަށް ބަނދަރުކުރާ ޔޮޓުތަކުން އެ ރަށަށް ފައިބާ ފަތުރުވެރިންނަށް އެރަށުގެ ފެންވަރުން ހިދުމަތް ދެމުން ގެންދެ އެވެ. އެގޮތުން ފަތުރުވެރިންގެ އަންނަނު ދޮއެ ދިނުމާއި ބާބަކިއު ހެދުމުގެ ކަންކަންވެސް ކުރިއަށްދެ އެވެ.

އުލިގަމު ކައުންސިލުން ބުނީ ޔޮޓު ތަކުން އެރަށަށް އަންނަ ފަތުރުވެރިންގެ އިތުރުން މިހާރު ތަރައްގީ ކުރަމުންދާ ހަނިމާދޫ އެއާޕޯޓުން އެރަށަށް ޒިޔާރަތް ކުރާނެ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ތަފާތު ވަސީލަތްތަކާއި ތަންތަން ގާއިމު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.