ފިނިޕޭޖް

ޖޫލިއަން ސޭންޑްސް އަދިވެސް ނުފެނޭ

އިނގިރޭސިވިލާތުގެ އެކްޓަރެއް ކަމުގައިވާ ޖޫލިއަން ސޭންޑްސް، ކެލިފޯނިއާގެ މައުންޓް ބޯލްޑީގައި ހައިކިން އަށް ގޮސްއުޅެނިކޮށް ގެއްލިގެން ހޯދަމުން އެބަދެ އެވެ.

އެ ސަރަހައްދުން ގެއްލުނު ހައިކާ އަކީ 65 އަހަރުގެ ޖޫލިއަންކަން އެނގުނީ އޭނާ ގެއްލުނު ކަމަށް 13 ޖެނުވަރީ 2023ގެ 19:30 ހާއިރު ރިޕޯޓް ކުރުމުންނެވެ.

ޖޫލިއަންގެ ކާރު ވަނީ އޭނާ ގެއްލުނު ކަމަށް ރިޕޯޓްކުރި ބޯލްޑީ ބޯލް ހިސާބުން ފެނިފަ އެވެ.

އެމެރިކާގެ ރައްޔިތެއްވެސް އެ ސަރަހައްދުން ގެއްލިގެން ހޯދަމުން އެބަދެ އެވެ.

ސޭން ބާނަޑީނޯ ކައުންޓީ ޝެރިފްގެ އޮފީހުގެ ތަރުޖަމާން މާރާ ރޮޑްރިގޭޒް ސީއެންއެން އަށް ދިން ބަޔާނެއްގައި ބުނީ ޖޫލިއަން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ސްނޯ ފައިބާ އައިސްއަށް ބަދަލުވެފައިވާ ހާލަތުގައި ފަރުބަދައިން އެވެލާންޗެއް އައުމުގެ ބިރު ހުރުމާ ގުޅިގެން ފައިމަގުން ހޯދަން އުޅުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އެހެންކަމުން ހެލިކޮޕްޓަރާއި ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން ޖޫލިއަން ހޯދުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެ އެވެ.

ޖޫލިއަން ގެއްލިފައިވަނީ ކެލިފޯނިއާ ސްޓޭޓަށް ވަރަށް ނުރައްކާތެރި ތޫފާންތަކެއް އައިސް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އެމެޖަންސީ ހާލަތު އިއުލާންކޮށްފައި ވަނިކޮށެވެ.

މި ހާލަތުގައި އެ ސަރަހައްދު ނުރައްކާތެރިކަމުން ހައިކަރުން އެ ސަރަހައްދަށް ނުދިއުމަށް އަންގަމުންދާ ކަމަށް ޕޮލިސް ބުންޏެވެ.

ޖޫލިއަން އަކީ ހައިކިން އަށް ލޯބިކުރާ މީހެކެވެ. އަދި ޖޫލިއަންގެ ފާހަގަކޮށްލެވޭ ފިލްމު އަދި ސީރީޒްތަކުގެ ތެރޭގައި "ރޫމް ވިތް އަ ވިއު"، "24"، "ސްމޯލްވިލް"، "އެރަކްނޮފޯބިއާ"، "ވޯލޮކް"، "ދަ މެޑޭލިއަން"، "ދަ ކިލިން ފީލްޑްސް" ހިމެނެ އެވެ.

ޖޫލިއަން އާއިލާއާ އެކު ދިރިއުޅެނީ ކެލިފޯނިއާގެ ލޮސް އެންޖަލިސްގަ އެވެ.