ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާކަމަށް ތުހުމަތުކޮށް، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ސްރީ ލަންކާ ސަސްޕެންޑް ކޮށްފި އެވެ.
މި މަހު 14 ވަނަ ދުވަހު ބޭއްވި ސްރީ ލަންކާގެ ފުޓްބޯޅަ އިލެކްޝަން ކާމިޔާބުކޮށް ރައީސްކަމަށް ހޮވުނީ ކުރީގެ ކުޅުންތެރިޔާ ސްރީ ރަންގާ އެވެ. ރަންގާ އަށް 27 ވޯޓު ލިބުނުއިރު ދެން ވާދަކުރި ޖަގަތު ރޮހާނާ އަށް ލިބުނީ 24 ޕޮއިންޓެވެ. ފީފާ ލަންކާ ސަސްޕެންޑް ކުރަން ނިންމީ އެ އިންތިހާބުގައި ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރިކަމަށް ބުނެ އެވެ.
ލަންކާގެ މައްސަލަ ބެލުމަށް ފަހު ފުޓްބޯޅައިން އެގައުމު ސަސްޕެންޑް ކުރަން ނިންމީ އިއްޔެ އޮތް ފީފާ ކައުންސިލް ބިއުރޯ ބައްދަލުވުމުގަ އެވެ. މި އަދަބާ ގުޅިގެން ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމާއި އެ ގައުމުގެ ކްލަބްތަކަށް އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދައެއް ނުކުރެވޭނެ އެވެ. މީގެ އިތުރުން ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި، ކޯސްތަކާއި އެހެނިހެން ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ފީފާ އާއި އޭއެފްސީ އިން ލިބޭ އެހީ ވެސް ވަނީ މެދުކަނޑާލާފަ އެވެ.
ލަންކާ އަށް ފުޓްބޯޅައިގެ ހަރަކާތްތަކުގައި ދެން ވާދަކުރެވޭނީ ފީފާ ކޮންގްރެސްގައި ސަސްޕެންޝަން އުވާލުމުންނެވެ.
ފުޓްބޯޅައިން ލަންކާ ސަސްޕެންޑް ކުރިއިރު މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ތާވަލު ކޮށްފައި އޮތީ ލަންކާގަ އެވެ. މުބާރާތް ބާއްވާނެ ތާރީހެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 20 ޖޫން އިން 02 ޖުލައި އަށެވެ. އެހާ ހިސާބަށް ލަންކާގެ ސަސްޕެންޝަން އުވައި ނުލައިފި ނަމަ ސާފް ބޭއްވުމުގެ ފުރުސަތު ގެއްލި، އެގައުމަށް މުބާރާތުގައި ވާދަވެސް ނުކުރެވޭނެ އެވެ.
ލަންކާ އަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިދިޔަ ތިން ވަރަކަށް އަހަރުތެރޭ ސަސްޕެންޑް ކުރި ތިންވަނަ ގައުމެވެ. މީގެ ކުރިން ސަސްޕެންޑް ކުރީ އިންޑިއާ އާއި ޕާކިސްތާން އެވެ.
މިދިޔަ އޮގަސްޓް މަހު އިންޑިއާ ސަސްޕެންޑް ކުރީ އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގަން ކޮމިޓީއެއް އުފައްދައި އެ ކޮމިޓީ އިން އާ އިންތިހާބެއް ބާއްވަން އުޅުމުންނެވެ. އެކަމަކު ހަފްތާއެއްހާ ދުވަސްތެރޭ ފީފާ އިން އިންޑިއާގެ ސަސްޕެންޝަން އުވާލި އެވެ.
އިންޑިއާގެ ކުރިން 2021 ވަނަ އަހަރުގެ އޭޕްރިލް މަހު ފީފާ އިން ވަނީ ޕާކިސްތާން ސަސްޕެންޑް ކޮށްފަ އެވެ. ޕާކިސްތާނު ވެސް ސަސްޕެންޑް ކުރީ އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވުމުންނެވެ. ޕާކިސްތާންގެ ސަސްޕެންޝަން ފީފާ އިން އުވާލީ ގާތްގަނޑަކަށް ދޮޅު އަހަރު ފަހުން މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.