އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭންގައި ބައިވެރިވާ މީހުންނާ ދިމާކޮށް އުސޫލުތައް މުގުރަމުންދާ ކަމަށް ރައީސް ސޯލިހްގެ ކެމްޕޭން މެނޭޖަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު މިހެން ވިދާޅުވި ވަކި ސަބަބެއް ނޭނގެ އެވެ.
ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހްގެ ވާދަވެރިޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިހުގައި މީގެކުރިން ހުންނެވި ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސައިން، ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށްފަހު މިއަދު ތުޅާދޫއަށް ވަޑައިގަތުމުން އެރަށުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ބަޔަކު ވަނީ ހިސާންއާ ދިމާކޮށް އޭނާއަށް ފުރައްސާރަކޮށްފަ އެވެ. މި ހަރަކާތްތަކުގައި ތުޅާދޫގައި ތިބި ރައީސް ނަޝީދުގެ ބައެއް ސަޕޯޓަރުން ވެސް ބައިވެރިވި އެވެ.
ނާޝިޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ތަކުގައި އަބަދުވެސް ވާދަވެރި ކެމްޕޭނެއް ކުރާ ކަމަށެވެ. ނަމަވެސް ހަމަޖެހުން ނަގާލަން މަސައްކަތް ކޮށްފައިވާ ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެކަމަކު މިއަދު ފެންނަނީ ރައީސް އަށް ކެމްޕޭން ކުރާ މީހުންނާ ދިމާކޮށް މިއުސޫލުތައް މުގުރާލާ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ތަން،" ނާޝިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވާދަވެރި ކެންޑިޑޭޓަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުން މިފަދަ ނާތަހްޒީބް އަމަލުތަކަށް ހިތްވަރު ދިނުމަކީ ހަޑިކަމެއް ކަމަށެވެ.
"ވާދަވެރި ކެންޑިޑޭޓަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުން މިފަދަ ނާތަހްޒީބީ ފިޑި އަމަލުތަކަށް ހިތްވަރުދީ މިކަން ޕްރޮމޯޓް ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކުރަން،" ނާޝިޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ސަޕޯޓަރުން ގެންދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ފާޅުގައި ފާޑުކިޔަމުންނެވެ.