ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެމްޕޭނަށް ރައީސް ކ. އަތޮޅަށް

Jan 23, 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ކ. އަތޮޅަށް ވަޑައިގެންފި އެވެ.

ކެމްޕޭންގައި ރައީސް ސޯލިހް މިއަދު ވަނީ ކ. ގުރައިދޫއަށް ވަޑައިގެންފަ އެވެ. ކެމްޕޭންގައި ރައީސް ސޯލިހް މިއަދު ކ. ކާށިދޫއަށްވެސް ވަޑައިގަންނަވާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހްގެ އިތުރުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ކެމްޕޭންގައި ރަށްރަށަށް ޒިޔާރަތްކުރައްވަމުންނެވެ.

ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހްގެ އިތުރުން ރައީސް ނަޝީދުވެސް ވިދާޅުވަމުން ގެންދަވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ކެމްޕޭންގައި ރައީސް ސޯލިހް ވަނީ ރ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅާއި ބ. އަތޮޅަށް ޒިޔާރަތްކުރައްވާފަ އެވެ. އޭގެ އިތުރުން ގއ. އަތޮޅާއި ގދ. އަތޮޅާއި ހދ. އަތޮޅާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށްވެސް ރައީސް ސޯލިހް ވަނީ ޒިޔާރަތްކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ކެމްޕޭން ޖަލްސާ އޮތީ ޖެނުއަރީ ހަތަރު ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ މައި ހަރުގޭގަ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް މާލޭގައި "ދޮރުން ދޮރަށް" ހިންގެވުމުގެ ހަރަކާތް ފެއްޓެވީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހު އެވެ.