ބާ ކައުންސިލް

ފުރަތަމަ ބާ އިމްތިހާން: 68 ޕަސެންޓް މީހުން ފާސްވި

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ބާ އިމްތިހާނުން 68 ޕަސެންޓް މީހުން ފާސްވެއްޖެ އެވެ.

ބާ އިމްތިހާން ކުރިއަށް ގެންދިޔައީ ދެ ސެޝަނަކަށް ބަހާލައިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މާލެ އަދި އައްޑޫ ސިޓީގަ އެވެ.

އިމްތިހާނުގައި ބައިވެރިވި 176 މީހުންގެ ތެރެއިން 68 ޕަސެންޓް ފާސްވެފައިވާއިރު އެވްރެޖު ނަތީޖާއަކީ 66 ޕަސެންޓް ކަމަށް ބާ ކައުންސިލުން ވަނީ ބުނެފަ އެވެ. އިމްތިހާނުގައި ބައިވެރިވި 18 މީހަކު ވަނީ ޓޮޕް އެޗީވާސްގެ ގޮތުގައި ހިމެނިފަ އެވެ.

އަހަރަކު އެއް ފަހަރު ބޭއްވުމަށް ކަނޑައަޅާފައިވާ ބާ އިމްތިހާނުގެ މަގުސަދަކީ ގާނޫނީ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކުގައި ހުންނަންޖެހޭ އަސާސީ މިންގަނޑު ކަނޑައަޅައި، ފެންވަރު ވަޒަންކުރުމެވެ.

ބާ އިމްތިހާން އިންތިޒާމު ކުރާ ބާ ކައުންސިލުން ބުނީ މި އިމްތިހާނު މެދުވެރިކޮށް މި ދާއިރާއަށް އަލަށް ނުކުންނަ މީހުންނަށް ގާނޫނީ މަފްހޫމުތައް އެނގޭ މިންވަރާއި ގާނޫނީ މައްސަލަ ދެނެގަތުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރާއި، ގާނޫނީ ހިދުމަތް ދިނުމަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަނެވޭނެ ކަމަށެވެ.

ބާ އިމްތިހާނަކީ ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަ ދޫކުރުމަށް ބޭނުންކުރާ "މިނިމަމް ބެންޗްމާކް" ކަމަށްވެސް ބާ އެސޯސިއޭޝަނުން ބުނެ އެވެ.

ޔޫއެސްއެއިޑް، އޭބީއޭ، ކެޕްލާން އަދި އެންސީބީއީގެ އެހީތެރިކަމާއެކު ބޭއްވި އިމްތިހާނަކީ މަލްޓިޕްލް-ޗޮއިސް ފޯމެޓަށް 120 ސުވާލު ހިމެނޭ އިމްތިހާނެކެވެ.

އިނގިރޭސި އަދި ދިވެހި ބަހުން ފަރުމާކުރެވިފައިވާ މި އިމްތިހާނުގެ ސިލަބަސް އެކުލަވާލާފައިވަނީ ބާ އިމްތިހާނުގެ ކޮމިޓީ އޮފް އެކްސްޕާޓުންނެވެ.

މިއަހަރުގެ ބާ އިމްތިހާނުގައި ހިމެނިފައިވާ މާއްދާތަކަކީ ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، އަދި މޯލްޑިވްސް ލީގަލް ސިސްޓަމް އެވެ.

ބާ އިމްތިހާނުން ފާސްވުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަ ދޫކުރުވޭ ދެ ޝަރުތުގެ ތެރެއިން އެއް ޝަރުތެވެ. ގާނޫނީ ފަންނުގެ ދަށުން ލާޒިމުކުރާ ދެވަނަ ޝަރުތަކީ ލައިސަންސިން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމެވެ.