މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

ޅ. ހިންނަވަރުގައި ސަރުކާރުން އަޅަން ނިންމާފައިވާ 100 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި އެވެ.

ހިންނަވަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވަދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އަދި އެ ރަށު ކައުންސިލުގެ މެމްބަރުންނެވެ.

ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

މި މަޝްރޫއު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫއުގެ އަގަކީ ގާތްގަނޑަކަށް 84 މިލިއަން ރުފިޔާ އެވެ.

ހިންނަވަރުގައި އަޅަން ހަމަޖެހިފައިވަނީ 700 އަކަފޫޓުގެ ދެބުރީގެ 50 ރޯ ހައުސް އަދި 1000 އަކަފޫޓުގެ އެއް ބުރީގެ 50 ހައުސިން ޔުނިޓް އެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.

މި ތަނުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ވެސް ގާއިމުކުރާނެ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.