ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އެމްޑީޕީގެ ސިޔާސަތާ ދުރީ އެހެން ބައެއް، އެމީހުންނާ ކައިރި ނުވޭ"

މި ސަރުކާރުން ތަންފީޒުކުރަމުން ގެންދަނީ އެމްޑީޕީގެ ސިޔާސަތު ކަމަށާއި އެކަމަކު ޕާޓީގެ ބައެއް މެމްބަރުންގެ ވިސްނުން ބަދަލުވެފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ކ. އަތޮޅުގެ ރަށްތަކަށް އެމަނިކުފަނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކ. ގުރައިދޫއަށް ވަޑައިގެން އެ ޕާޓީގެ ސަޕޯޓަރުންނާއި މެމްބަރުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ޖަޒީރާ ރާއްޖެ ތަރައްގީކުރުން ކަމަށެވެ. މިއީ ވަކިވަކި ރަށްތަށް ތަރައްގީކޮށް ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީގެ މި ސިޔާސަތު ކަމުނުދާ ބައެއް މެމްބަރުން މިހާރު ޕާޓީ ތެރޭގައި އުޅުއްވާ ކަމަށާއި، އެ ބޭފުޅުންގެ ވިސްނުން ބަދަލުވެފައިވާކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެހެންނަމަވެސް ޕާޓީގެ މި މުހިއްމު ސިޔާސަތު ކަމުނުދާ ބައެއް ބޭފުޅުން ޕާޓީގެ ތެރޭގައި އެބަތިބި. ކުދި ރަށްރަށަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކީ ބޭކާރު ހަރަދެއް ކަމަށް ބައެއް ބޭފުޅުންވެސް އެބަ ގަބޫލުކުރެވޭ. އެ ވާހަކަތައް އެބަ ދައްކާ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަގީގަތުގައި އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރަނީ ކޮންބައެއްތޯ މިއަދު ވިސްނަން ޖެހިއްޖެ ކަމަށެވެ. އަދި އަބަދުވެސް އެމްޑީޕީ ވަކާލާތުކުރަމުން އައީ ޖަޒީރާ ރާއްޖެ ތަރައްގީކުރަން ކަމަށާއި މިކަމާ އިދިކޮޅަށް ވާހަކަދައްކާ ބޭފުޅުންނަކީ އެމްޑީޕީގެ ސިޔާސަތު ކުރިއެރުވުން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު މުޅިން އެއާ އިދިކޮޅަށް ވާހަކަދައްކަވަމުން ގެންދާކަމީ ހަމަގައިމުވެސް އެމްޑީޕީގެ ސިޔާސަތު ކުރިއެރުވުމެއް ނޫން. ވަކި އެހެން މަގުސަދެއް އޮވެގެން ކުރާ ކަމަކަށް ވެދާނެ. ތިބޭފުޅުން އެޔާ ކައިރި ނުވައްޗޭ. އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެމްޑީޕީގެ ސިޔާސަތު ނޫން ކަމަށް ބުނެ ސަރުކާރުން ކުދި އާބާދީ އޮންނަ ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ ޖަލްސާތަކުގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ތަކުރާރުކޮށް ފާޑު ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ ކ. ކާށިދޫ އަށެވެ. ކެމްޕޭންގައި ރައީސް ސޯލިހް ވަނީ ހއ. އަތޮޅާއި، ހދ. އަތޮޅާއި ނ. އަތޮޅާއި، ރ. ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅަށް ޒިޔާރަތްކުރައްވާފަ އެވެ. މީގެއިތުރުން ލ. އަތޮޅާއި، ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށްވެސް ޒިޔާރަތްކުރައްވާފަ އެވެ.