ސޯޝަލް މީޑިއާގައި ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބަލާނެ ޔުނިޓެއް ގާއިމުކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެއްބަސްވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ދައުލަތުގެ ފައިސާ އާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް ބުނެ އެ ކޯލިޝަނުން މިއަދު އޭސީސީގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ސޯޝަލް މީޑިއާގައި ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރަމުން ގެންދާއިރު އެ މައްސަލަތައް އޭސީސީ އިން ނުބަލައި އޮތްކަން އެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަމަށެވެ.
"އެބޭފުޅުން ވިދާޅުވީ ޕީޕީއެމުން ތި ހުށަހެޅި ވަރަށް ރަނގަޅު ހުށަހެޅުމެކޭ. އެހެންވީމާ ތިމަންނަމެން ވަކި ޔުނިޓެއް ގާއިމުކޮށްގެން ބަލަން ފަށާނަމޭ މިއަދުން ފެށިގެން. ސޯޝަލް މީޑިއާގައި ބަޔަކު ވާހަކައެއް ދައްކަންޔާ އޭގެ ހަގީގަތް މިއަދުން ފެށިގެން އެބޭފުޅުން ބަލާނަމޭ،" ޝުޖާއު ވިދާޅުވި އެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ސޯޝަލް މީޑިއާގައި އޭސީސީ ޓެގް ކުރުމަށްފަހު ކުރާ ކޮރަޕްޝަންގެ ތުހުމަތު ބަލާނެ ކަމަށް އެ ކޮމިޝަނުން ބުނުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި މިވަގުތު ކުރިއަށް ގެންދާ އެކި މަޝްރޫތަކުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށް އޭސީސީއަށް ރިޕޯޓް ކޮށްފައިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ތިލަމާލެ ބްރިޖް މަޝްރޫއު ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން ދެއްކި ވާހަކަތަކާ ގުޅިގެން އޭސީސީ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެެވެ.