ހަބަރު

ރައީސް އާއި ނަޝީދު އަދި މާރިޔާގެ ދަތުރުތަކުގެ މައްސަލަތަކެއް އޭސީސީއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި އަމިއްލަފުޅު ދަތުރުފުޅުތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ. މައްސަލަ އެސީސީއަަށް ވެއްދީ އިދިކޮޅު ކޯލިޝަނުންނެވެ.

އިދިކޮޅު ޕީޕީއެމްއާއި ކޮންގްރަސް ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހް ކުރެއްވި ދަތުރުފުޅުތަކުގައި ދައުލަތުގެ ރިޔާސީ ލޯންޗުކޮޅު ބޭނުންކުރި މައްސަލަ ވަނީ އޭސީސީއަށް ހުށަހަޅައިފަ އެވެ.

އިދިކޮޅުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނި ގޮތުގައި އެއީ ކޮރަޕްޝަންގެ ގާނޫނުގެ 12 ވަނަ މައްދާގައި ބަޔާން ކުރާ ފަދަ ކޮރަޕްޝަންގެ އަމަލެކެވެ. އެ ގޮތުން ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ދައުލަތުގެ އެއްވެސް ވަސީލަތެއް ބޭނުން ކުރުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ގާނޫނުގައި ވެ އެވެ.

އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ ރައީސްގެ ސެކިއުރިޓީއަށްޓަކައި ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރަން ސަލާމަތީ ބާރުތަކުން ވެސް ބުނެގެން ނުވާނެ ކަމަށާއި ރައީސްގެ އަމިއްލަފުޅު ދަތުރުފުޅުތަކުގައި ޕްރައިވެޓް ލޯންޗުކޮޅު ބޭނުން ކުރެއްވިޔަސް އެމްއެންޑީއެފަށް ސެކިއުރިޓީ ދެވޭނެ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ހުވަދު އަތޮޅަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި މަޖިލީހުގެ އިދާރާގެ މީޑިއާ ވަސީލަތްތަކާއި މީޑިއާ މުވައްޒަފުން ބޭނުން ކުރި މައްސަލަ ވެސް ވަނީ އޭސީސީއަށް ހުށަހަޅައިފަ އެވެ. އެއީ ރަސްމީ ދަތުރެއް ކަމަށް މަޖިލީހުގެ ރަސްމީ ޓްވީޓާގައި ބުނެފައިވީ ނަމަވެސް އެމްޑީޕީގެ ޓްވީޓާގައި ފާހަގަކޮށްފައިވާ ގޮތުގައި އެއީ އަމިއްލަ ދަތުރެއް ކަމަށެވެ.

ރައީސް ނަޝީދު ގއ. ވިލިނގިއްޔަށް ވަޑައިގެންނެވީ އެ ރަށުގައި ބޭއްވި ދެކުނުގެ ހަތަރު އަތޮޅުގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ލިބިވަޑައިގަންނެވި ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

އޭގެ ފަހުން އެމަނިކުފާނު ވަނީ ހުވަދު އަތޮޅުގެ އެހެން ރަށްރަށާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ވަޑައިގެންފަ އެވެ. އެއީ އެމަނިކުފާނު ކުރެއްވި އަމިއްލަ ދަތުރުފުޅުތަކެކެވެ.

އޭގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ޔުނައިޓެެޑް އެރެބް އެމިރެޓްސް (ޔޫއޭއީ) ގެ އިންޓީރިއާއަށް ވަޑައިގެން އެ ތަނުގެ އިންޓީރިއާ މިނިސްޓަރާ ކުރެއްވި ބައްދަލުވުމުގައި އޭނާގެ ދަރިކަލުން ބައިވެރި ކުރި މައްސަލަ ވެސް އިދިކޮޅު ކޯލިޝަނުން ވަނީ އޭސީސީއަށް ހުށަހަޅައިފަ އެވެ.

އެ ދަތުރަކީ އަމިއްލަފުޅު ހައިސިއްޔަތުން ކުރެއްވި ދަތުރެއް ކަމަށާއި އެ ދަތުރަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްފައި ނުވާ ކަމަށް މާރިޔާ މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި އިންޓީރިއާ މިނިސްޓަރާ ބައްދަލު ކުރެއްވީ ވެސް އަމިއްލަފުޅު ހައިސިއްޔަތުން ކަމަށް އެކަމަނާ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހާއި، ރައީސް ނަޝީދާއި، މިނިސްޓަރު މާރިޔާއާ ދެކޮޅަށް އިދިކޮ ކޯލިޝަނުން މައްސަލަތަކެއް ހުށަހެޅި ނަމަވެސް އެއިން އެ މައްސަލައެއް ބަލާނެ ކަމެއް ނުވަތަ ނުބަލާނެ ކަމެއް ވެސް އެ ކޮމިޝަނުން އަންގާފައެއް ނުވެ އެވެ. އިދިކޮޅު ކޯލިޝަނުން ބުނި ގޮތުގައި ތިން ދުވަހަށް ފަހު ވަކި އެއްޗެއް އަންގާނެ ކަމަށް އެސީސީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވެސް މި ސަރުކާރުގެ ގިނަ ވަޒީރުންތަކެއްގެ ކޮރަޕްޝަންގެ ޝަކުވާތައް އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމަށް އާންމު ފަރުދުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އެ ގޮތުން 60 އަށްވުރެ ގިނަ ޝަކުވާ މިހާރު ވެސް ލިބިފައިވާ ކަމަށާއި އެ ކަންކަން ދިރާސާ ކުރުމަށް ފަހު އެ މައްސަލަތައް ވެސް އޭސީސީއަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުންޏެވެ.