ފިނިޕޭޖް

ޗެނިން ޓޭޓަމް "ގޯސްޓް"ގެ ރީމޭކެއް ހަދަނީ

ޗެނިން ޓޭޓަމް، 1990 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމް "ގޯސްޓް"ގެ ރީމޭކެއް ހަދަނީ އެވެ.

މިގޮތުން ވެނިޓީ ފެއާއަށް ދިން އިންޓަވިއުއެއްގައި ޗެނިން ބުނީ އޭނާގެ ފިލްމު ކުންފުނި ފްރީ އެސޯސިއޭޝަނުން ޕެރެމައުންޓް ޕިކްޗާސް އަތުން "ގޯސްޓް"ގެ ރައިޓްސް ހޯދާފައިވާ ކަމަށާއި އެ ރީމޭކްގައި ލީޑް ރޯލް ކުޅެން ގަސްދުކުރާ ކަމަށެވެ.

"ސްޓެޕް އަޕް"، "ޖީ އައި ޖޯ" ގެ ދެ ފިލްމް، "ކިންގްސް މަން: ދަ ގޯލްޑަން ސާކަލް" އަދި "ބުލެޓް ޓްރޭން" ފަދަ ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ ޗެނިން ވެނިޓީ ފެއާއަށް އިންޓަވިއު ދިނީ ޕޮޓަރީ ހަދަމުން ހުރެ އެވެ.

"ގޯސްޓް" ގައިވެސް ޕޮޓަރީ ހަދާ ރޮމޭންޓިކް ސީންއެއް އެކުލެވިގެންވެ އެވެ. ޗެނިން ބުނީ އޭނާ ހަދާ ރީމޭކްގައި ވާހަކަ ކޮންމެވެސް ވަރަކަށް ބަދަލުކުރާނެ ކަމަށެވެ. އަދި މި ރީމޭކްގައި އަންހެން ލީޑް ރޯލާއި މުހިއްމު ކެރެކްޓާތައް ކުޅޭނީ ކޮން އެކްޓަރުން ކަމެއް ޗެނިން ހާމަނުކުރެ އެވެ.

ޖެރީ ޒުކާ ޑައިރެކްޓްކޮށްފައިވާ "ގޯސްޓް" ގައި ދެ ލޯބިވެރިން ކަމުގައިވާ ސޭމް އާއި މޮލީ، ސޭމްއާ އެކު މަސައްކަތްކުރާ ކާލްގެ އެހީތެރިކަމާއެކު އެޕާޓްމަންޓެއް މަރާމާތުކޮށް، އެކުގައި ދިރިއުޅެން ފަށަ އެވެ.

ސޭމް އަކީ ބޭންކެއްގައި މަސައްކަތްކުރާ މީހެކެވެ. މޮލީ އަކީ އާޓިސްޓެކެވެ. އެއް ރެއަކު ސޭމް އާއި މޮލީ ބޭރަށްގޮސް އަންނަނިކޮށް، މީހަކު ސޭމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގައި ސޭމް މަރުވެ އެވެ. އަދި ރޫހެއްގެ ގޮތުގައި މޮލީ ކައިރިއަށް ގޮސް، ކަންތައްތައް ބަލަމުންދެ އެވެ. މިކަންތައްތަކުގެ ތެރޭގައި ސޭމްގެ މަރުގެ ހަގީގަތް އޮޅުން ފިލަ އެވެ. އަދި އޯޑާ މޭ ކިޔާ ފޭކު ސައިކިކްއެއްގެ އެހީތެރިކަމާއެކު މޮލީއަށް ހަގީގަތް ހާމަކޮށް، ނުބައި މީހާގެ ޕްލޭން ކާމިޔާބު ނުވޭތޯ މަސައްކަތް ކުރެ އެވެ.

"ގޯސްޓް"ގައި ސޭމްގެ ރޯލް އަދާކޮށްފައިވަނީ ޕެޓްރިކް ސްވޭޒީ އެވެ. އަދި މޮލީގެ ރޯލް ޑެމީ މޯ އަދާކޮށްފައިވާއިރު، އޯޑާ މޭގެ ރޯލް އަދާކޮށްފައިވަނީ ވޫޕީ ގޯލްޑްބާގް އެވެ. މި ފިލްމްގައި ވޫޕީގެ އެކްޓިންއަށް "ބެސްޓް ސަޕޯޓިން ކެޓަގަރީ" އިން އެކަޑެމީ އޯވޯޑާއި ގޯލްޑަން ގްލޯބް އެވޯޑް ލިބިފައިވާއިރު، ބެސްޓް ސްކްރީން ޕްލޭގެ އެކަޑަމީ އެވޯޑް ބްރޫސް ޖޯލް ރޫބިން އަށް ލިބިފައިވެ އެވެ. އަދި 23 ވަރަކަށް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަށް ބޮކްސް އޮފީހުގައި 505 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.