ވާހަކަ

ނިވެމުންދާ ބައްތި

(ބުރާސްފަތި ދުވަހުގެ ނޫހާއި ގުޅޭ)

އާލިޔާގެ ހާލަތު އައީ މަޑު މަޑުން ރަނގަޅު ވަމުންނެވެ. ހަފްތާއެއް ވެގެން ދިޔަ އިރުވެސް ސައުންނާއި އާލިޔާ އަނގައިން ވެސް ނުބުނެއެވެ. އާލިޔާ ބޭނުން ވަނީ ހުރިހާ ވަގުތެއްގައި ވެސް މަންމަ ކައިރީގައި ހުރުމެވެ. ބައެއްފަހަރަށް ސައުން ބައިންދާފައި މަންމަ ގެއަށް ދެއެވެ. އެހެން ނަމަވެސް އާލިޔާގެ ގޮތް ދޫނުކުރުމުގެ ސަބަބުން އިތުރަށް ހިތްހަމަ ނުޖެހި ދާނެތީ މަންމައަށް ޖެހެނީ އެނބުރި އަންނާށެވެ. އާލިޔާގެ އަމަލުތައް ހުރި ގޮތުން މަންމަ ވެސް ބައެއް ފަހަރަށް ދެރަވެއެވެ. އެހެން ނަމަވެސް ޑޮކުޓަރު ބުނުއް ވަނީ މަޑުމަޑުން އެ ބީރައްޓެހިކަން ކެނޑި ސައުންނާއި ރައްޓެހި ވާނެ ކަމަށެވެ.

އާލިޔާއަށް ނިދުމުން ސައުން އާލިޔާ ކައިރީގައ މަޑު ކުރުމަށްފަހު މަންމަ ފޮނުވީ ނިދާށެވެ. ސައުން އިނީ އާލިޔާ ކައިރީގައި ދަމަށެވެ. މާދަމާ ގެއަށް ދޫކޮށްލާނެ ކަމަށް ޑޮކުޓަރު ބުނުމުން ސައުން އުފާވިއެވެ. އާލިޔާގެ ހާލު ރަނގަޅުވުމަކީ ސައުން އެންމެ އެދޭ ކަންތަކެވެ. ކުރިއަށް އޮތް ތަނުގައި ސައުންގެ ފުށުން އާލިޔާ ހިތް ދަތި ވާނެ ކަމެއް ނުކުރުމަށް އަޒުމު ކަނޑައެޅިއެވެ. ދަންވަމުން ދިޔަ ވަރަކަށް ސައުންގެ ކައިރިއަށް ވެސް ނިދި އަންނަ ގޮތް ވިއެވެ. އާލިޔާ އޮތް އެނދުގެ ކައިރީގައި ހުރި ގޮނޑި އެނދާއި ކައިރިއަށް ދަމާލުމަށް ފަހު އެނދުގައި ބޯ އަޅައިގެން ކުޑަގޮތަކަށް ޖައްސާލިއެވެ. އެއް އަތުން އާލިޔާގެ އަތުގައި ހިފަހައްޓައިގެން އޮވެ ބަރުވަމުން ދިޔަ އެސްފިޔަ ތަކާއެކު ލޯމަރާލެވުނެވެ.

ސައުންނަށް ހޭލެވުނީ މީހަކު ބޮލުގައި ފިރުމާހެން ހީވެގެންނެވެ. ބޯ އުފުލާލުމަށް ފަހު ބަލާލިއެވެ. އާލިޔާ އިނީ ތެދުވެއެވެ. ސައުން ތެދުވެ ކިހިނެއް ހަދަންވީހޭ އެހިއެވެ. އަތުގެ ހަރަކާތުން އިޝާރާތް ކުރި ފެނަށެވެ. ސައުން ފެން ތައްޓެއް ހިފައިގެން އައިސް ފެންތަށި ތުނބުގައި ޖެއްސިއެވެ. އާލިޔާ ތަށީގައި ހިފިއެވެ. ފެން ފޮދު ބޯލުމަށްފަހު ސައުންގެ އަތަށް ތަށި ދިނުމަށް ފަހު އެނދުގައި އޮށޯތެވެ. ސައުން ކައިރީގައި އިށީންނަމުން ބޮލުގައި ފިރުމާލިއެވެ. އާލިޔާގެ އަތުން ސައުންގެ އަތުގައި ހިފުމަށްފަހު ސައުންނަށް ގޮވާލިއެވެ. "އަހަރެން މިތަނުން ގެންދޭ!" ސައުންގެ އަތުގައި ބޮސްދިނެވެ. ސައުންގެ ހިތް އުފަލުން ފޮޅުނެވެ. ނިއްޖާއެކު ބަރުވެފައިވާ ދެލޯ ހުޅުވިގެން ދިޔައެވެ. ނިދި ފިލާ ގޮސް އާލިޔާގެ އަތުގައި ދެއަތުން ހިފާ ބާރު ކޮށްލިއެވެ. "ކޮން އިރަކު ސައުން އައީ ބައްޕަ ވެސް އަހަރެމެން އެކަނި ކޮށްފައި އެދިޔައީ" އާލިޔާ ރޯންފެށިއެވެ. ސައުން އާލިޔާ ނަގައި މޭގައި ލައްކޮށްލިއެވެ. "ނުރޮއި އެއްވެސް މީހަކަށް އެ މީހެއްގެ އަޖަލު ޖަމަވުމުން މިތާކު މަޑެއް ނުކުރެވޭނެ. ދެން ނުވިސްނާ އެކަމާއި އަހަރެން މިހުރީ ނޫން އާލިޔާ ދޫކޮށްފައި ނުދާނަށް މަންމައާއި ކޮއްކޮމެންގެ ކަންތައްތަކުގައި އަހަރެން ޒިންމާ ވާނަން މިވަގުތު ތިކަހަލަ ވާހަކަ ނުދައްކާ ހިތްވަރު ކުރަން ވާނެ. އާލިޔާ ތިޔަހެން ހެދީމަ މަންމަ ކިހާ ދެރަވާނެ . ހިތްވަރު ކުރޭ! މަންމަ މިގޮތަށް އަބަދު ހޮސްޕިޓަލުގައި އުޅެން ވުމުން ބަލިވެދާނެ" ސައުން އެހެން ބުނުމުން އާލިޔާގެ ރުއިން ހުއްޓާލިއެވެ.

ސައުން ހުރީ ވަރަށް ދެރަވެފައެވެ. ބައްޕަ ވަކިވެ ދިޔަ އިރު މޫނު ނުފެނުމުން އާލިޔާ ދެރަވާނެކަން ސައުންނަށް އެނގެއެވެ. އާލިޔާ ހިތްހަމަ ޖެއްސުމަށް ޓަކައި އެކި ވާހަކަ ދައްކަމުން ދިޔައެވެ. އެންމެ ފަހުން އާލިޔާއަސް ނިދިއްޖެއެވެ.
ހެނދުނު ޑޮކުޓަރު އައި އިރު އާލިޔާ ގެ ކައިރީގައި ހުރީ ސައުންނެވެ. ސައުން ފެނުމާއެކު ޑޮކުޓަރު ސަލަމް ކުރިއެވެ. އާލިޔާއާއި ވާހަކަ ދެއްކުމަށްފަހު ގެއަށް ދޫކޮށްލާ ވާހަކަ ބުންޏެވެ. އެހެން ބުނުމާ އެކު އާލިޔާގެ މޫނު މަތިން ހިނިތުން ވުން ފާޅު ވިއެވެ. ތިން ދުވަސް ފަހުން އެނބުރި އައިސް ދައްކާލަން ވާނެ ކަމަށް ބުނަމުން އާލިޔާގެ ކޮންޑުގައި ފިރުމާލިއެވެ.
ހޮސްޕޓަލުން ދޫކޮށްލުމުން އާލިޔާ ގޮވައިގެން ސައުން ދިޔައީ މަންމަ އާއި ބޮޑު ބޭބެމެން ބައިތިއްބާފައި ތިބި އެޕާޓް މަންޓަށެވެ. އެތަނަށް ދިޔައިރު މަންމައާއި ބޮޑުބޭބެ ހޮސްޕިޓަލަށް އައުމަށް ތައްޔާރު ވަނީއެވެ. ބޮޑުބޭބެއަށް އާލިޔާ ފެނުމާއެކު ހިނިތުން ވެގެން ހުރެ އާލިޔާގެ މަންމަ އަށް ގޮވާލިއެވެ. އާލިޔާ އައިތަން ފެނުމުން މަންމަގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. "ދަރިފުޅު އައީތަ މަންމަމެން އަދި ދާންވެގެން މިއުޅެނީ"
ސައުން: މިތަނުން އެހެން ތަނަކަށް ބަދަލުވާންވީ ނޫން ތިން ދުވަސްފަހުން ދެން ދައްކާލައިފައި ރާއްޖެ ދިޔައަސް އެންމެ ރަނގަޅު ކަމަށް ޑޮކުޓަރު ބުނުއްވީ.
މަންމަ: ދަރިފުޅަށް ފެންނަ ގޮތެއް. މަންމަމެން ހިތްހަމަ ޖެހޭ. ދަރިފުޅު ބޭނުންވާ ގޮތަކަށް ހަދަންވީ. އެހެން ބުނަމުން ސައުންނާއި ހަތަރުކަޅި ހަމަ ކޮށްލިއެވެ. ބައި ގަޑިއެއްހާ އިރުގެ ދަތުރަކަށްފަހު ސައުން އާލިޔާމެން ގޮވައިގެން ހޮޓަލަކަށް ބަދަލު ވިއެވެ. ހަވީރު ހައެއްގެ ފުލައިޓުން އާލިޔާގެ މަންމަ އާއި ބޮޑުބޭބެ ފޮނުވާލަން ސައުން ބޭނުންވިއެވެ. އެކަމަކު އާލިޔާ، މަންމަ ފޮނުވާލާކަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ބޮޑުބޭބެ ފޮނުވާލުމަށްފަހު މަންމަ މަޑު ކުރީއެވެ.

މަންމައާއި އާލިޔާ ތިރިއަށް ފައިބައިގެން ހިނގާލަން ނުކުތެވެ. އާލިޔާގެ ގައިގެ ހަކަތަ ދެރަކަމުން ހިނގާލައި ހަދަން ދަތިވިއެވެ. .ސައުންވީ ބޮޑުބޭބެ އެއާރޕޯރޓަށް ލާން ގޮހެވެ. އެންމެ ފަހުން އާލިޔާ ގޮވައިގެން މަންމަ ކޮޓަރިއަށް އައެވެ. އާލިޔާއަށް ކިރުތައްޓެއް ދިނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. " ދަރިފުޅާ ސައުންނާ މެދު ގޯސްކޮން ނުވިސްނާތި. ދަރިފުޅު އެންމެ ބޭނުންވާ ވަގުތު ތަކުގައި ސައުން ނުހުރެ ދާނެ. އެކަންތައް ތަކާއި މައްސަލަ ޖައްސައި ޝަކުވާ ނުކުރާތި. ކުދިން ތިބޭއިރު އެމީހުންނަށް ވެސް ވަގުތު ދޭންވާނެ ކަން ދަންނާތި މަންމައަށް ހީވެ ދަރިފުޅު ސައުންނާއި މެދު ހިތްހަމަ ނުޖެހި ހުންނަހެން" ނޫން މަންމާ! އަޅުގަނޑު ޝަކުވާއެއް ނުކުރަން ދުވަހަކުވެސް ނުކުރާނަށް" އެހެން ބުނަމުން މަންމަގެ މޭގައި ބޯއަޅައިގެން އޮވެ ވާހަކަ ދައްކަމުން ދިޔައެވެ. "މާލެ ގޮސްފައި ދެން ދާނީ މަންމަ ކައިރިއަށް އެންމެ ރަނގަޅުތަ މަންމާ!" އާލިޔާގެ އެވާހަކަ އިން މަންމަގެ ހިތް، ނުތަނަވަސް ވަމުން ދިޔައެވެ. އެއީ ސައުން ހިތް ހަމަ ޖެހޭ ކަމަކަށް ނުވާނެތީއެވެ.

މިދަނޑިވަޅަށް ވިސްނާފައި އާލިޔާ ހިތްހަމަ ޖެހޭ ކަހަލަ ޖަވާބެއް ދޭން ނިންމިއެވެ. "ސައުންގެ ރުހުމާ އެކު އެހަށް ރަނގަޅު ވެލަން ދެން މަންމަމެން ގެއަށް ބަދަލުވިޔަސް މަންމަގެ މައްސަލައެއްނެތް" އެހެން ބުނުމާ އެކު މަންމަގެ ގައިގައި އާލިޔާ ހިފައި ގަތެވެ. އެވަގުތު ސައުން އައިސް ކޮޓަރިއަށް ވަނެވެ. ބޮޑުބޭބެ ފުރީހޭ އާލިޔާގެ މަންމަ އެހިއެވެ. ސައުން ވަނުމުން އާލިޔާ މަންމަގެ ގައިން ދޫކޮށްލިއެވެ. އެ ވަގުތު މަންމަ އާލިޔާއާއި ދުރަށް ޖެހިލިއެވެ. " އާލިޔާ އެއްޗެއް ކައިފިންތަ؟ މަންމާ! ކޮން އިރަކުން ކާން ދާނީ" " އިޝާ ނަމާދު ކޮށްލުމަށް ފަހު މަންމަ ކާނީ. ދަރިފުޅުމެން ކެއަސް އެންމެ ރަނގަޅު" އެހެން ބުނުމަށް ފަހު ކޮޓަރިން ނުކުތެވެ. ނަމާދު ވަގުތު ގެއްލޭތީ މަންމަ ދިޔައީ ނަމާދަށް އަރާށެވެ.
މަންމަ ނުކުތުމުން ސައުން ކޮޓަރި ތަޅުލިއެވެ. "މަންމަ ކީއްވެ މިއަދު ފޮނުވައި ނުލީ އެކޮޅުގައި ވެސް ބޮޑު މީހަކު ނުހުންނާނެ ނޫން ހަފުތާއެއް ވަރު ފަހުން ދާން ކަމަށް މަ މި ވިސްނަނީ އެހެންވެ މަންމަ ފޮނުވާލަން އުޅުނީ. އެކަމަކު އާލިޔާ ހިތްހަމަ ނުޖެހޭތީ މަންމަ ފޮނުވައި ނުލީ" ސައުން އެހެން ބުނުމުން އާލިޔާ އިތުރަށް އެކަށްޗެކޭ ވެސް ނުބުނެ އިސްޖަހައިގެން އިނެވެ. އާލިޔާ ހިތް ހަމަ ނުޖެހި އިންހެން ހީވާތީ ސައުން ނިންމީ އެހަށް އިތުރު ވާހަކައެއް ނުދެއްކުމަށެވެ. ސައުން ވުޟޫ ކޮށްލުމަށް ފަހު އެރީ ނަމާދަށެވެ.

ސައުންގެ ފޯނު ރިންގުވާން ފެށިއެވެ. ރިނގުވެފައި ކެނޑިއްޖެއެވެ. އަނެއްކާ ވެސް ރިންގުވާން ފެށިއެވެ. ގުޅަނި ކާކުތޯ އާލިޔާ ބަލާލިއެވެ. މިޝްކާއެވެ. އެހާ ހިސާބުން އާލިޔާގެ މޫނުގެ ކުލަ އިތުރަށް ފަނޑުވިއެވެ. ފޯނާއި ދިމަ ބަލާލުމަށްފަހު ސައުންނާއި ދިމަ ބަލާލިއެވެ.
ފޯނު ނު ނެނގުމުން ކެނޑިއްޖެއެވެ. ސައުން ނަމާދުން ނިމިގެން ފޯނު ބަލާލިއެވެ. މިޝްކާ ގުޅާފައި އޮތް ތަން ފެނުމުން ފޯނު ހިފައިގެން ބެލުކަންޏަށް ނުކުތެވެ. " ކިހިނެއްވީ މާ ވަރަކަށް ތިޔަ ގުޅަނީ. ކުދިން ރަނގަޅުތަ؟ ދެތިން ދުވަސް ފަހުން ތިޔަ ކޮޅަށް ދާނަން" ސައުންގެ ވާހަކަތައް އަޑު އެހުމަށް ފަހު މިޝްކާ ވަރަށް ދެރަވާ ރާގެއްގައި އަދި ވެސް އާލިޔާ ރަނގަޅު ނު ވޭތަ؟" މިޝްކާގެ އެ ސުވާލަށް ސައުން ޖަވާބު ދިނެވެ. ހުރިހާ ކަމެއް މިހާރު އޯކޭ! އެހެން ވަގުތަކުން ގުޅާނަން" އިތުރު އެއްޗެކޭ ނުބުނެ ފޯނު ކަނޑާލިއެވެ.

ކޮޓަރިއަށް ވަން އިރު އާލިޔާއެއް ނެތެވެ. ބޭރު ބަލާލިއެވެ. އާލިޔާ މަންމަގެ ކޮޓަރީ ގެ ދޮރުގައި ޓަކިދޭން ހުއްޓެވެ. އެތަން ފެނިފައި ސައުން އާލިޔާ ގޮވައިގެން ކޮޓަރިއަށް އައެވެ. " މަންމަ ހުންނާނި ނަމާދަށް . ނަމާދުކޮށް ނިމުމުން މަންމަ އަންނާނެ. އުޅެބަލަ ކާއެއްޗެއް ކާން." އެހެން ބުނަމުން އާފަލެއް ފޮތިކޮށްފައި ތައްޓަކަށް އަޅައިދިނެވެ. އާލިޔާގެ މޫނުގެ ކުލަވަރު ފޯނު ކޯލަށް ފަހު ބަދަލުވެފައި ވާކަން ސައުންނަށް ފާހަގަ ކުރެވުނެވެ. އާލިޔާ ރުއްސާނެ ގޮތަކާއި މެދު ސައުން ވިސްނަމުން ދިޔައެވެ. ހިތް ހަމަ ނުޖެހި އިނދެ ވިސްނުމަކީ މިހާރު އާލިޔާއަށް އެހާ ރައްކާތެރި ގޮތެއް ނޫނެވެ. އެކަމާއި ވަރަށް ދެރަވިއެވެ. ސައުން ދެން ނިންމީ އާލިޔާ ކައިރީގައި ހުންނަ ވަގުތު ތަކުގައި މިޝްކާގެ ފޯނު ކޯލުތަކަށް ޖަވާބު ނުދިނުމަށެވެ. އެހެން ނަމަވެސް މިޝްކާ ކުދިންގެ ކަމަކު ގުޅާއިރު އެފަދަ ފޯނު ކޯލަކަށް ޖަވާބު ނުދެވިއްޖެ ނަމަ ދެން ދިމާވާނެ މައްސަލަ ތަކާއި މެދު ވެސް ވިސްނާލިއެވެ.
ތިންދުވަސް ހަމަކޮށްފައި ޑޮކުޓަރަށް ދެއްކުމުން ރާއްޖެ ދިޔައަސް އެންމެ ރަނގަޅު ކަމަށް ބުނުމުން ދުވަހުން ދުވަހަށް ޓިކެޓް ނަގައިގެން ރާއްޖެ އައެވެ.

ފުލައިޓުން ފޭބުމަށްފަހު އާލިޔާ ސައުންގެ ކިބައިން އެދުނީ އާލިޔާގެ ގެއަށް ދިޔައަސް އެންމެ ރަނގަޅު ތޯއެވެ. އާލިޔާގެ އެ ސުވާލަށް ޖަވާބެއް ނުދި ފުރަތަމަ ސައުން މަޑުކޮށްލިއެވެ. އެކަމަކު ހާލަތަށް ވިސްނުމަށް ފަހު ސައުން ނިންމީ އާލިޔާ ދުވަސްކޮޅަކަށް ގެއަށް ފޮނުވުމަށެވެ. އެހެންވެ މަންމައާއި އެކު ދިޔައަސް އެންމެ ރަނގަޅު ކަމަށް ބުންޏެވެ. ފެރީން ފޭބުމަށް ފަހު އާލިޔާ އެރި މަންމައާ އެކު ކާރަށެވެ. ސައުން ދިޔައީ ސައުންގެ ގެއަށެވެ.

ސައުން ގެއަށް ވަނުމުން މިޝްކާ އާލިޔާ ކޮބައިތޯ ސުވާލު ކުރިއެވެ. ރަނގަޅު ނުވަނީސް ސައުން ތިޔަ އައީ ކީއްވެހޭ އެއްސެވެ. " އާލިޔާ ގޮވައިގެން މިއައީ އެކަމަކު އާލިޔާ ދިޔައި އޭނަގެ ގެއަށް ދުވަސްކޮޅަކަށް ފޮނުވާލީ" އެހެން ބުނަމުން ކޮޓަރިއަށް ވަނެވެ.
ދެކުދިން ބައްޕަ ފެނުމުން ދުވެފައި އައިސް ބެއްދިއެވެ. "ބައްޕަ ކީއްވެ އަޅުގަނޑުމެން ފޮނުވާލީ" ޒޯޔާގެ އެ ސުވާލާ އެކު ސައުން ބުންޏެވެ. " އާލިޔާ ދައްތަ މާބޮޑަށް ބަލިވެގެން އެހެންވެ ދިޔައީ. އެހެން ފަހަރަކުން އަލުން ދާނީ މިފަހަރު ދިމާވިގޮތް .ވަރަށް ދެރަވެފަ ދޯ! ދޫނި ތިޔަ ހުރީ" އެހެން ބުނަމުން ޒޯޔާގެ ކޮލުގައި ހިފިއެވެ. ދެކުދިން ނުކުތުމާ އެކު ސައުން ކޮޓަރި ތަޅުލިއެވެ.

އެކަނި ވެލަން ބޭނުންވިއެވެ. ދިރިއުޅުމުގެ މި މަރުހަލާގައި ދިމާވަމުން މިދާ ކަންތައްތަކާއި މެދު ފުންކޮށް ވިސްނާލިއެވެ. އާލިޔާގެ ކިބައިން ބަދަލު ތަކެއް ފާހަގަ ކުރެވުނެވެ. އަދި ބައެއް ފަހަރަށް އާލިޔާއާއި މެދު ކަންތައް ކުރެވެނީ އެންމެ ރަނގަޅަށް ނޫންކަން އިހުސާސް ކުރެވުނެވެ. މިޝްކާއާއި ކުދިންނަށް ވަގުތު ދޭ ވަރަށް އާލިޔާ އަށް ވަގުތު ނުދެވޭތީ އެކަމާ ވިސްނަމުން ދިޔައެވެ.

އާލިޔާ ގެއަށް ބަދަލުވީ ހިތްހަމަ ނުޖެހި ހުރީމައެވެ. ސައުންގެ ގެއަށް އަލުން އާލިޔާ ގެނައުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެކަން އެނގެއެވެ. (ނުނިމޭ)