ފ. ނިލަންދޫ ފަޅާއި ކ. ކާށިދޫ ފަޅު ހިމެނޭ ގޮތަށް ރިސޯޓް ތަރައްގީ ކުރަން 14 ރަށެއް ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމަށް މިއަދު އިއުލާނުކުރި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެކުއިޒިޝަން ކޮސްޓް ދައްކަން ޖެހެނީ ފ. ނިލަންދޫ ފަޅާއި ކ. ކާށިދޫ ފަޅަށެވެ.
ކާށިދޫ އަދި ނިލަންދޫ ފަޅުން ކޮންމެ ފަޅަކުން ރިސޯޓް ތަރައްގީ ކުރަން ކަނޑައަޅާފައިވާ 10 ހެކްޓަރުގެ ސަރަހައްދަށް ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 2.2 މިލިއަން ޑޮލަރު ނުވަތަ 34 މިލިއަން ރުފިޔާ އެވެ.
މިއީ އޯޕަން ބިޑިން މަރުހަލާއެއްގެ ދަށުން ދޫކުރާ ފަޅުތަކަކަށް ވުމުން އަގު މިއަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ބީލަމަށް ހުޅުވާލި ރަށްތަކާއި ފަޅުތަކުގެ އެންމެ ކުޑަ އަގު
- ހއ. އަލިދުއްފަރު ފިނޮޅު: 350،000 ޑޮލަރު
- ހއ. މެދަފުށި: 875،000 ޑޮލަރު
- ހދ. ކުޑަފަރު ފަސްގަނޑު: 200،000 ޑޮލަރު
- ރ. އެއްތިގިލި(އަލިފުށި ފަޅުން ބައެއް ލައިގެން): 250،000 ޑޮލަރު
- ކ. ކާށިދޫ ފަޅު: 2،250،000 ޑޮލަރު
- މ. ބޯހުރާ: 288،500 ޑޮލަރު
- ފ. ނިލަންދޫ ފަޅު: 2،250،000 ޑޮލަރު
- ފ. ނިލަންދޫ ފަޅުން ދެވަނަ ރިސޯޓެއް ހަދަން: 2،250،000 ޑޮލަރު
- ތ. އޮޅުފުށި އަދި އޮޅުފުށި ފިނޮޅު: 700،000 ޑޮލަރު
- ގއ. ބޭރަމައުއްޑޫ: 431،200 ޑޮލަރު
- ގއ. ފުނަދޫ ވިލިގިއްލަ: 700،000 ޑޮލަރު
- ގދ. ކަޅެހުއްޓަ: 575،300 ޑޮލަރު
- ގދ. ހާދުއާ: 560،900 ޑޮލަރު
- ގދ. ފެރޭތަ ވިލިނގިލި: 700،000 ޑޮލަރު
ޓޫރިޒަމް މިނިސްޓްރީން މިފަހަރު ހުޅުވާލައިފައިވާ ގިނަ ރަށްތަކަކީ މިދިޔަ އަހަރުވެސް ބީލަމަށް ހުޅުވާލި ރަށްތަކެކެވެ. ރިސޯޓް ތަރައްގީ ކުރުމަށް އޭރު ހުޅުވާލުމުން ލިބުނު ބިޑްތަކުގެ ޝަރުތު ހަމަ ނުވުމުންނާއި ބައެއް ރަށްތަކަށް ބިޑް ނުކުރުމުން އެ ރަށްތައް ދޫކޮށްފައެއް ނުވެ އެވެ.
ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރާ ރަށްތައް ވިއްކުމުގައި އެންމެ ބޮޑަށް ބަލާނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށެވެ. ލިބޭ ޕޮއިންޓްގެ 60 އިންސައްތަ އަކީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތަކަށް ދޭ ޕޮއިންޓެވެ. ދެން ޕޮއިންޓް ދޭ ކަންތައްތަކުގެ ތެރޭގައި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީން ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ މިންވަރު ހިމެނެ އެވެ.
މިފަހަރު ހުޅުވާލި ރަށްތަކާއި ފަޅުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައި އޮންނާނެ އެވެ.