ދުނިޔެ

ސްވިޑަންއަށް ނޭޓޯ މެމްބަރުކަންދޭން ތުރުކީ ތާއީދެއް ނުކުރާނެ: އުރުދުޣާން

ސްވިޑަންއަށް ނޭޓޯ މެމްބަރު ގައުމެއްގެ ޝަރަފު ދިނުމާ ދެކޮޅު ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެވެ.

އޭނާ އަދި ވިދާޅުވީ އެއީ މިހާރު ބަހުސެއް ވެސް އޮތް ކަމެއް ނޫން ކަމަށާއި ސްވިޑަން އަކީ ނޭޓޯ މެމްބަރުކަން ދޭވަރުގެ ގައުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ސްވިޑަން އަށާއި ފިންލޭންޑަށް ނޭޓޯ -- ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަންގެ މެމްބަރުކަން ދިނުމަށް މަޝްވަރާ ކުރެވެމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. މި ދެ ގައުމަށް ނޭޓޯގެ މެމްބަރުކަން ދިނުމުގައި ތުރުކީން ރުހުންދޭން ޖެހެ އެވެ.

ތުރުކީ ބުނާ ގޮތުން ފިންލޭންޑާއި ސްވިޑަން އަކީ ޓެރަރިސްޓުންނަށް ހިމާޔަތްދޭ ދެގައުމެވެ. އެހެންކަމުން މި ދެ ގައުމަށް އޮތީ ތުރުކީ އެދޭ މިންވަރަށް ޓެރަރިސްޓުން ބާކީކުރުމެވެ.

މިހެން ކަން އޮއްވައި ސްވިޑަންގެ ހައްދުފަހަނައެޅި ސިޔާސީ ޕާޓިއަކުން -- އެ ގައުމުގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި -- ގުރުއާން އެންދުމާ ގުޅިގެން ތުރުކީން ވަނީ ކުރިން ކުރަމުން ގެންދިޔަ މަޝްވަރާތަކުން ބޭރުވެ، ސްވިޑަންއަށް ނެޓޯ މެމްބަރުކަން ދޭން ތާއީދުނުކުރާނެ ކަމަށް ބުނެފަ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ސްވިޑަންގެ ގޮތް ކުޑަ އަމަލުތަކުގެ ސަބަބުން އެ މީހުން ވަނީ އިންސާނީ ސަފުތަކުން ބާކީވެފަ އެވެ. އެވަރުގެ ބަޔަކަށް މުޚާތަބުކޮށް އިންސާނުން ކަމަށް ބުނުމަކީ ވެސް އިންސާނިއްޔަތަށް ކުރެވޭ ފުރައްސާރައެއް ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.

މުސްލިމުންގެ މުގައްދަސް ފޮތްތަކާއި ބިނާތަކަށް އެ މީހުން -- މުސްލިމުންނާ ދެކޮޅު މީހުން، ހިތުހުރި ގޮތެއް ހަދާއިރު، މުސްލިމުންގެ ޖަމާއަތްތައް ހިމޭނުން ތިބުމުގެ ބޭނުމެއް ނެތް ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.

ސްވިޑަންގައި ތުރުކީ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރި މީހުން ވަނީ "ވާ ބިރުގަންނަވާ ސިފަތަކަށް" އުރުދުޣާންގެ ސިފަތައް އުފައްދައި ހުޅުޖަހައި އަންދާފަ އެވެ.

އުރުދުޣާންނަށް ނިސްބަތްކޮށް ވަރުބާލާފައި ވަނީ ގަބޫލުކުރެވޭ ގޮތުގައި އެ ގައުމުގެ ސަރުކާރުގެ އެއްބާރުލުމާ ވެސް އެކު އެވެ. އެހެންނަމަވެސް އެމްބަސީ ކުރިމަތީގައި މުޒާހަރާކުރި މީހުންގެ އަމަލުތައް ކުށްވެރިކުރައްވައި ސްވިޑަންގެ ބޮޑުވަޒީރު ނުރުހުން ފާޅުކުރެއްވި އެވެ.