ފިނިޕޭޖް

ފްރެންސިސް ފޯޑް ކޮޕޯލާގެ "މެގަޕޮލިސް"

ފްރެންސިސް ފޯޑް ކޮޕޯލާގެ އެންމެ ފަހުގެ ފިލްމް "މެގަޕޮލިސް"ގެ ޕްރޮޑަކްޝަން މަސައްކަތްތަކުގެ ތެރޭގައި މައްސަލަތަކެއް ޖެހިގެން އުޅޭ ހަބަރުތައް ފެތުރެމުން އެބަދެ އެވެ.

ދަ ހޮލީވުޑް ރިޕޯޓާ އިން ގިނަ މަސްދަރުންތަކާ ހަވާލާދީ ބުނެފައިވަނީ ސައިންސް ފިކްޝަން ފިލްމެއް ކަމުގައިވާ "މެގަޕޮލިސް"ގެ ޝޫޓިން ކުރިއަށްދާތާ މެދަކާ ހިސާބަށް ދިޔައިރު، ވިޝުއަލް އިފެކްޓްސް ޓީމާއި ޕްރޮޑަކްޝަން ޑިޒައިނަރާއި ސުޕަވައިޒައިން އާޓް ޑައިރެކްޓަރު ފަދަ އެ ފިލްމްގެ މުހިއްމު ކްރިއޭޓިވް މީހުން ފިލްމުން ވަކިވެފައިވާ ކަމަށެވެ.

"މެގަޕޮލިސް" އަކީ ކޮޕޯލާގެ ގިނަ އަހަރުތަކެއްވީ ޕްރޮޖެކްޓެކެވެ. މި ފިލްމަށް ކޮޕޯލާ ވަނީ އޭނާގެ އަމިއްލަ ފައިސާ އިން 120 މިލިއަން ޑޮލަރުގެ ބަޖެޓެއް ފައިނޭންސްކޮށްފަ އެވެ. މިއީ ހޮލީވުޑްގައި ޕްރޮޑިއުސަރުން ނުކުރުމަށް ނިންމާފައިވާ "ނުރަސްމީ" އުސޫލެކެވެ. އެއީ އެކަމުގެ ރިސްކު ބޮޑުވުމުންނެވެ.

މި ފިލްމްގެ ފައިނޭންސަށް ކޮޕޯލާ ވަނީ އޭނާގެ މަގުބޫލު އުތުރު ކެލިފޯނިއާގެ ވައިނަރީތައް ވިއްކާލާފަ އެވެ. މިއީ ކޮޕޯލާގެ "އެޕޮކަލިޕްސް ނައު" ފިލްމް ހެދުމުގައިވެސް ކޮޕޯލާއާ ކުރިމަތިވި ކަމެކެވެ.

މަސްދަރުން ބުނާ ގޮތުގައި ބަޖެޓްގެ މައްސަލަތަކާ ގުޅިގެން ފުރަތަމަ ބޭނުންކުރަމުން އައި އާ ޓެކްނޮލޮޖީ އެއް ކަމުގައިވާ ލެޑް ވާޗުއަލް ޕްރޮޑަކްޝަން ޓެކްނޮލޮޖީގެ ހަރަދު ބޮޑުވުމުން، އާންމުކޮށް ބޭނުންކުރާ ގްރީން ސްކްރީން ޓެކްނޮލޮޖީއަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. ލެޑް ވާޗުއަލް ޕްރޮޑަކްޝަން ޓެކްނޮލޮޖީ އަކީ އާ "ބެޓްމޭން" ފިލްމާއި "ދަ މެންޑަލޯރިއަން" ސީރީޒްގައި ބޭނުންކުރި / ކުރަމުންދާ ޓެކްނޮލޮޖީ އެވެ.

ކޮޕޯލާއަކީ މީގެ ކުރިން މާބޮޑު ވިޝުއަލް އިފެކްޓްސް ހިމަނައިގެން ފިލްމް ހަދާފައިވާ މީހެއް ނޫނެވެ.

ދަ ހޮލީވުޑް ރިޕޯޓާ އިން ފިލްމުގެ ކްރީއެޓިވް ކްރޫ ދޫކޮށްފައި ދިޔަ މައްސަލަތަކާއި ބަޖެޓް އިތުރުވެގެން ގޮސްފައިވާ ކަމަށް ރިޕޯޓްކުރިއިރު، ކޮޕޯލާ އާއި މި ފިލްމުގެ އެކްޓަރެއް ކަމުގައިވާ އެޑަމް ޑްރައިވާ ވަނީ އެ ހަބަރުތައް ދޮގުކޮށްފަ އެވެ. އެމީހުން ބުނާ ގޮތުގައި ކޮންމެވެސް ވަރަކަށް ކްރިއޭޓިވް ކްރޫ ވަކިވެފައިވީ ނަމަވެސް ބަޖެޓްގެ ތެރެއިން ޕްރޮޑަކްޝަން މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް އެބަދެ އެވެ.

"މެގަޕޮލިސް" އަކީ އޮންސާމްބަލް ކާސްޓެއް އެކުލެވޭ ފިލްމެކެވެ. މީގެ ތެރޭގައި އެޑަމް ޑްރައިވާގެ އިތުރުން ޝަޔާ ލަބޫފް، ފޮރެސްޓް ވިޓޭކާ، ނެތަލީ އިމޭނުއެލް، ލޯރެންސް ފިޝްބޯން، ޖޮން ވޮއިޓް، ޑަސްޓިން ހޮފްމަން، އޯބްރީ ޕްލާޒާ، ޖޭސަން ޝްވޯޓްޒްމަން، ގްރޭސް ވޮންޑަވާލް، ކެތްރީން ހަންޓާ، ޖޭމްސް ރެމާ، ޖިއަންކާލޯ އެސްޕޮސީތޯ އަދި ކްލޯއީ ފައިންމަން ފަދަ ގިނަ ތަރިން ހިމެނެ އެވެ. މި ފިލްމުގައި ފެންނާނީ ޑިސާސްޓާއަކަށްފަހު، އާކިޓެކްޓެއް ނިއު ޔޯކް ޔޫޓޯޕިއާއެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރާ ތަނެވެ.

އުމުރުން 83 އަހަރުގެ ފްރެންސިސް ފޯޑް ކޮޕޯލާ އަކީ "ގޯޑް ފާދާ"ގެ ތިން ފިލްމު "އެޕޮކަލިޕްސް ނައު" އަދި "ބްރޭމް ސްޓޯކާސް ޑްރެކިއުލާ" ފަދަ އެތައް އެކަޑަމީ އެވޯޑަކާއި ގޯލްޑަން ގްލޯބް އަދި ބަފްޓާ އެވޯޑްތައް ލިބިފައިވާ ފިލްމްތައް ޕްރޮޑިއުސްކޮށް ޑައިރެކްޓް ކޮށްފައިވާ މީހެކެވެ.