ކުޅިވަރު

ސައުތެމްޓަން ބަލިކޮށް ނިއުކާސަލް ލީގު ކަޕް ފައިނަލާ ގާތަށް

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ރޭ ސައުތެމްޓަން 1-0 އިން ބަލިކޮށް ފައިނަލުގެ ޖާގައަކާ ގާތަށް ނިއުކާސަލް ޔުނައިޓެޑް ޖެހިލައިފި އެވެ.

ލީގު ކަޕްގެ ސެމީ ފައިނަލުގައި ދެ ލެގު ކުޅޭއިރު، ދެވަނަ ލެގް އޮންނާނީ އަންނަ ހަފްތާގަ އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ނިއުކާސަލް އަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ.

މި ސީޒަނުގައި ނިއުކާސަލް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އިނގިރޭސި ލީގުގައި މިވަގުތު އެޓީމު އޮތީ ތިން ވަނައިގަ އެވެ. ރޭގެ މެޗު ގޯލެއް ނުވަދެ ނިންމާލިއިރު، މިއީ ގޯލެއް ނުވަދެ ޖެހިޖެހިގެން އެޓީމު ކުޅުނު 10 ވަނަ މެޗެވެ. ރޭވެސް އެޓީމު ކޮޅަށް ގޯލެއް ނުވަނުމުގައި ގޯލްކީޕަރު ނިކް ޕޯޕް މުހިއްމު ދައުރެއް އަދާކުރި އެވެ.

މިހާރު ދުނިޔޭގެ އެންމެ މުއްސަނދި ކްލަބް ނިއުކާސަލް އަށް އިނގިރޭސި ފުޓްބޯޅަ ސީޒަނުގެ ތައްޓެއް އެންމެ ފަހުން ލިބުނީ 1955 ވަނަ އަހަރު އެވެ. އޭގެފަހުން 1999 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލުގައި ވާދަކޮށް އެޓީމު ބަލިވި އެވެ. އެކަމަކު 1969 ވަނަ އަހަރު އިންޓަ-ސިޓީސް ފެއާސް ކަޕްގެ ނަމުގައި ކުޅުނު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި އެވެ.

ރޭގެ މެޗުގައި ނިއުކާސަލްގެ ހަމައެކަނި ގޯލު 73 ވަނަ މިނެޓުގައި ޖެހީ ބްރެޒިލްގެ މިޑްފީލްޑަރު ޖޮއެލިންޓަން އެވެ. ޖޮއެލިންޓަން ވަނީ ފުރަތަމަ ހާފުގައި ވެސް ގޯލެއް ކާމިޔާބުކޮށްފަ އެވެ. އެކަމަކު އެ ގޯލު ޖެހިއިރު އަތުގައި ބޯޅަ ޖެހުމުން ނިންމުން ބަދަލުކުރި އެވެ.

މެޗުގައި ސައުތެމްޓަން އިން ވަނީ ނިއުކާސަލްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އަދި، އެޓީމުގެ އެޑަމް އާމްސްޓްރޯން ގޯލަށް ވައްދާލި ބޯޅައެއް ވީއޭއާރުގެ އެހީގައި ރެފްރީ ކެންސަލްކުރި އެވެ. ދެވަނަ ހާފުގައި ސައުތެމްޓަންގެ ޗޭ އެޑަމްސް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ކީޕަރު ޕޯޕް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ލީގު ކަޕްގެ ދެވަނަ ސެމީގައި ވާދަކުރަނީ މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް އެވެ. މި ދެޓީމު ވާދަކުރާ ފުރަތަމަ ލެގްގެ މެޗު އޮންނާނީ މިރޭ ފޮރެސްޓުގެ ދަނޑުގަ އެވެ. މެޗު ފަށާނީ މެންދަމު އެކެއް ޖަހާއިރު އެވެ.