އެސްޓީއޯ

ސޭލްސްމަނެ، ކޭޝިއަރެއްވެސް ނެތް ފިހާރައެއް އެސްޓީއޯ އިން ހުޅުވަނީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޭޝިއަރެއް އަދި ސޭލްސް މަނެއް ވެސް ބޭނުންނުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރިކުރެވޭނެ ފިހާރައެއް ހުޅުމާލޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެސްޓީއޯ އިން މައުލޫމާތުދޭ ގޮތުގައި މިއީ މިފަދަ ޓެކްނޮލޮޖީއެއް ރާއްޖޭގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ.

މި ފިހާރަ ހިންގައި ސްޓޮކް ބެލެހެއްޓުމަށް އެ ކުންފުނިން ބޭނުންކުރާނީ އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ޓެކްނޮލޮޖީ އެވެ. އަދި ފިހާރައިގައި ކޭޝިއަރުންނާއި ސޭލްސް މަނުން ނުތިބޭނެ އެވެ.

މި ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުން ފިހާރައަށް ވަދެ ބޭނުންވާ ސާމާނު ހިފައިގެން ނިކުމެގެން ދާންވީ އެވެ. ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މިގޮތުން އެ އެޕްގައި އެމީހެއްގެ ބޭންކު ކާޑު ރަޖިސްޓްރީކޮށް ލޮގިންއެއް ހެދައިގެން މި ހިދުމަތް ބޭނުންކުރެވޭނެ އެވެ.

މި ފިހާރައަށް ވަދެވޭނީ ފިހާރައިގެ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްގެނެވެ. އަދި ދެން ބޭނުންވާ ސާމާނު ނަގައިގެން ކަސްޓަމަރުން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެޕްގައި އިންޓަގްރޭޓުކޮށްފައި އިންނަ ކާޑުން ފައިސާ ކެނޑޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.

މި ފިހާރަ އިން އެ ކުންފުނިން އެތެރެކޮށް ވިއްކާ ތަކެތީގެ އިތުރުން އެހެން ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެ އެވެ.

މި ފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ފަހުކޮޅުގައި ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯ އަކީ 1964 ވަނަ އަހަރު އަތިރީމާފަންނު ޓުރޭޑިން އެކައުންޓުގެ ނަމުގައި ފެށިގެން އައި ވިޔަފާރިއެކެވެ. އެ ކުންފުނިން އަންނަނީ ރާއްޖެއަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފުކޮށް ތަފާތު އުފެއްދުންތައް އެތެރެކޮށް ވިއްކަމުންނެވެ.