ފިނިޕޭޖް

95 ވަނަ އެކަޑެމީ އެވޯޑް ނޮމިނޭޝަންސް: ގިނައީ އާ ފަންނާނުން

95 ވަނަ އަހަރުގެ އެކަޑަމީ/ އޮސްކާ ނޮމިނޭޝަންސް ލިސްޓް އަންގާރަ ދުވަހު އިއުލާންކޮށްފި އެވެ.

ނޮމިނޭޝަންސް ލިސްޓް ޕްރެސް ކުރިމަތީގައި އެންމެ ފަހުން އިއުލާންކޮށްފައިވަނީ މީގެ ހަތް އަހަރު ކުރިންނެވެ. އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރަކީ އާ ނޮމިނީސް ގިނަ ވެފައި، ދި އެކަޑަމީގެ ތާރީހް ބަދަލުކޮށްލާ ފަދަ ނޮމިނޭޝަންސް ތަކެއް ހިމެނޭ އަހަރެކެވެ.

މިއަހަރުގެ ނޮމިނޭޝަންތަކުގެ ތެރޭގައި ޑެނިއެލް ޑެޑްވައިލް އާއި ޓޮމް ކުރޫޒް ފަދަ މޮޅު އެކްޓިންއެއް ދައްކާފައިވާ ތަރިން މި ލިސްޓްގައި ހިމަނާފައި ނުވާތީއާއި ބެސްޓް ޑައިރެކްޓަރުންގެ ތެރޭގައި އަންހެން ޑައިރެކްޓަރެއް ހިމަނާފައި ނުވާތީ ދި އެކަޑަމީއަށް މިއަހަރު ވަރަށް ބޮޑަށް ފާޑުކިޔުންތައް ކުރިމަތިވަމުންދެ އެވެ.

ބެސްޓް އެކްޓާ ކެޓަގަރީއަށް ނޮމިނޭޓްވި "ދަ ވޭލް" އިން ބްރެންޑަން ފްރޭސާ، "އެލްވިސް" އިން އޮސްޓިން ބަޓްލާ، "ބެންޝީޒް އޮފް އިނިޝެރިން" އިން ކޮލިން ފެރަލް، "އާފްޓާސަން" އިން ޕޯލް މެސްކަލް، "ލިވިން" އިން ބިލް ނައީ އަކީ ހުސް އަލަށް ނޮމިނޭޓްވި ތަރިންނެވެ. އަދި ބެސްޓް އެކްޓްރަސް ކެޓަގަރީގައި "ބްލޮންޑް" އިން އަނާ ޑި އާމަސް، "ޓު ލެސްލީ" އިން އެންޑްރިއާ ރައިޒްބަރާ އަދި "އެވްރިތިން އެވްރިވެޔާ އޯލް އެޓް ވަންސް" އިން މިޝޭލް ޔޯ އަކީ އަލަށް ނޮމިނޭޓްވި ތަރިންނެވެ. "ޓާ" ގެ ކޭޓް ބްލެންޗެޓް އާއި "ދަ ފޭބަލްމަންސް"ގެ މިޝެލް ވިލިއަމްސްއަކީ މީގެ ކުރިންވެސް ނޮމިނޭޓްވެފައިވާ ތަރިންނެވެ.

މިގޮތުން މިޝޭލް ވިލިއަމްސް މި ކެޓަގަރީ އިން ފަސްވަނަ ފަހަރަށް ނޮމިނޭޓްވެފައިވާއިރު، ކޭޓް ބްލެންޗެޓް އަކީ ވެސް ފަސް ފަހަރަށް ނޮމިނޭޓްވެ، އެއްފަހަރު މި އެވޯޑް ހާސިލްކޮށް، ދެ ފަހަރު ބެސްޓް ސަޕޯޓިން އެކްޓްރަސް ކެޓަގަރީއަށް ނޮމިނޭޓްވެ އެއްފަހަރު އެވޯޑް ހާސިލްކޮށްފައިވާ ތަރިއެކެވެ.

ބެސްޓް ސަޕޯޓިން އެކްޓަރުގެ ކެޓެގަރީއަށް ބަލާއިރު "ބެންޝީޒް އޮފް އިނިޝެރިން" އިން ބްރެންޑަން ގްލީސަން އާއި ބެރީ ކިޔޯގަން، "އެވްރިތިން އެވްރިވެޔާ އޯލް އެޓް ވަންސް" އިން ކޭ ހުވީ ކުއާން، "ކޯޒްވޭ" އިން ބްރާޔަން ޓައިރީ ހެންރީ ހިމެނޭއިރު، ބެސްޓް ސަޕޯޓިން އެކްޓްރަސް ކެޓްގަރީގައި "ދަ ވޭލް" އިން ހޮން ޗާއު، "ބެންޝީޒް އޮފް އިނިޝެރިން" އިން ކެރީ ކޮންޑަން، "އެވްރިތިން އެވްރިވެޔާ އޯލް އެޓް ވަންސް" އިން ޖޭމީ ލީ ކާޓިސް އާއި ސްޓެފަނޫ ސޫ ހިމެނެ އެވެ.

މިފަހަރުގެ އެވޯޑްސްގައި އެންމެ ގިނަ ނޮމިނޭޝަންސް ލިބިފައިވަނީ "އެވްރިތިން އެވްރިވެޔާ އޯލް އެޓް ވަންސް" އަށެވެ. އެއީ 11 އެވޯޑްގެ ނޮމިނޭޝަންސް އެވެ. "އޯލް ކުއާއެޓް އޮން ދަ ވެސްޓަން ފްރަންޓް" އައި "ބެންޝީޒް އޮފް އިނިޝެރިން" އަށް 9 ނޮމިނޭޝަންސް ލިބިފައިވާއިރު، "އެލްވިސް އަށް 8، "ދަ ފޭބަލްމަންސް" އަށް 7، "ޓާ" އައި "ޓޮޕްގަން: މެވްރިކް" އަށް 6، "ބްލެކްޕެންތާ: ވަކަންޑާ ފޯ އެވާ" އަށް 5، "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އަށް 4 ލިބިފައިވެ އެވެ.

އެކަޑަމީ އެވޯޑް ޝޯ އޮންނާނީ މިއަހަރުގެ މާޗް 14 ވަނަ ދުވަހު އެވެ.