ކުޅިވަރު

ނޭޝަންސް ލީގު ސެމީގައި ސްޕެއިން އާއި އިޓަލީގެ ކުރިމަތިލުމެއް

ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ސްޕެއިން އާއި އިޓަލީ ވާދަކުރަން ޖެހުނުއިރު އަނެއް ސެމީގައި ނެދަލެންޑްސް އާއި ކްރޮއޭޝިއާ ވާދަކުރަން ޖެހިއްޖެ އެވެ.

ނޭޝަންސް ލީގުގެ ފައިނަލް ބުރަށް މި ހަތަރު ގައުމު ކޮލިފައިވީ ނޭޝަންސް ލީގުގައި ހިމެނުނު ގްރޫޕުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

ކްރޮއޭޝިއާ ގްރޫޕުގެ އެއްވަނަ ހޯދީ ޑެންމާކް، ފްރާންސް އަދި އޮސްޓްރިއާ ހިމެނުނު ގްރޫޕުންނެވެ. ނެދަލެންޑްސް ވަނީ ބެލްޖިއަމް ފަހަތަށް ޖައްސާލައި އެއްވަނަ ހޯދާފަ އެވެ. ބެލްޖިއަމްގެ އިތުރުން އެ ގްރޫޕުގައި ހިމެނުނީ ޕޮލެންޑް އަދި ވޭލްސް އެވެ.

ސްޕެއިން ސެމީ ފައިނަލުން ޖާގަ ހޯދީ ޕޯޗުގަލް އާއި ސްވިޒަލެންޑް އަދި ޗެކް ރިޕަބްލިކް ހިމެނުނު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ސްޕެއިންއާ ދެކޮޅަށް ނުކުންނަ އިޓަލީ ވަނީ ޖަރުމަނާއި އިންގްލެންޑް ފަހަތަށް ޖައްސާލައި އެއްވަނަ ހޯދާފަ އެވެ. މި ގްރޫޕުގައި ދެން ވާދަކުރި ހަންގޭރީ ވަނީ ދެވަނަ ހޯދާފަ އެވެ.

ހަތަރު ގްރޫޕުގެ ޗެމްޕިއަނުންގެ މެދުގައި ސެމީ ފައިނަލް ދެ މެޗާއި ތިންވަނަ ހޮވާ މެޗު އަދި ފައިނަލް މެޗު ކުޅޭނެ އެވެ.
ފުރަތަމަ ސެމީގައި ޖޫން 14 ވަނަ ދުވަހު ނެދަލެންޑްސް ކުޅޭނީ ކްރޮއޭޝިއާއާ އެވެ. ދެވަނަ ސެމީގައި ޖޫން 15 ވަނަ ދުވަހު ސްޕެއިން އާއި އިޓަލީ ވާދަކުރާނެ އެވެ. ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅޭނީ ޖޫން 18 ވަނަ ދުވަހު އެވެ. މި ހަތަރު މެޗު ވެސް ކުޅޭނީ ނެދަލެންޑްސްގަ އެވެ.

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނެދަލެންޑްސްގެ ކްލަބް ފޭނޫޑުގެ ޑި ކުއިޕް ސްޓޭޑިއަމްގަ އެވެ.

ނޭޝަންސް ލީގުގެ ސެމީގައި 2021 ވަނަ އަހަރު ވެސް ސްޕެއިން އާއި އިޓަލީ ވަނީ ވާދަކޮށްފަ އެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ ސްޕެއިން އެވެ. އެފަހަރު ފައިނަލްގައި ސްޕެއިން ވަނީ ފްރާންސް އަތުން ބަލިވެފަ އެވެ.

އެންމެ ފުރަތަމަ ކުޅުނު ނޭޝަންސް ލީގުގެ ފައިނަލުގައި ނެދަލެންޑްސް ވާދަކުރި އެވެ. އެކަމަކު ފައިނަލުގައި ޕޯޗުގަލް އަތުން ވަނީ 0-1 އިން ބަލިވެފަ އެވެ.