ބޮލީވުޑް

"ފަރްޒީ"ގެ އެންމެ ރީތި ލަވަ ރިތިކްގެ ލޯބިވެރިޔާ ސަބާގެ އަޑުން

ޝާހިދު ކަޕޫރާއި ސައުތު އިންޑިއާ އެކްޓަރު ވިޖޭ ސެތުޕަތީ މިހާރު ކުޅެމުންދާ ތުރިލާ ސީރީޒް "ފަރްޒީ"ގެ އެންމެ ރީތި އެއް ލަވަ ކަމަށްވާ "ސަބް ފަރްޒީ" ދާދިފަހުން ވަނީ ރިލީޒްކޮށްފަ އެވެ. ފަރްޒީގެ ދުނިޔެ މި ލަވައިގައި ވަރަށް ރަނގަޅަށް ހާމަކޮށްދެ އެވެ. ލަވަ ކިޔާފައިވަނީ ޕޮޕް ލަވަކިޔުމަށް މަޝްހޫރު ސަބާ އާޒާދެވެ. ސަބާ އަކީ ސުޕަސްޓާ ރިތިކް ރޯޝަންގެ މިހާރުގެ ލޯބިވެރިޔާ އެވެ.

ސަޗިން-ޖިގަރް މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވައިގެ ޝާއިރަކީ ޕްރިޔާ ސަރައިޔާ އެވެ.

ހިންދީ ފިލްމުތަކަށް މާ ގިނައިން ލަވަތައް ކިޔައި ނުދިނަސް ސަބާ އަކީ އަމިއްލަ މިއުޒިކް ބޭންޑެއްގައި މަސައްކަތްކުރާ ޕޮޕް ލަވަކިޔުންތެރިއެކެވެ. އިންޑިޔާގެ އެކި ހިސާބުތަކުގައި ސަބާ އާއި އޭނާގެ ޓީމުން ވަރަށް ގިނައިން މިއުޒިކް ޝޯތައް ބާއްވަ އެވެ. ލަވަ ކިއުމުގެ އިތުރުން ސަބާ އަކީ ބޮލީވުޑް ފިލްމުތަކުގައި މަސައްކަތް ކުރާ ބަތަލާ އެއްވެސް މެއެވެ.

"ފަރްޒީ" އަކީ އަށް އެޕިސޯޑުގެ މައްޗަށް އެކުލެވޭ ކްރައިމް ތުރިލާ ޑްރާމާ އެކެވެ. މި ސީރީޒް ޑައިރެކްޓްކުރަނީ ރާޖް އެންޑް ޑީކޭ އެވެ.

ފެބްރުއަރީ 10ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ސީރީޒް އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޝާހިދު ބުނެފައިވަނީ އާ އަހަރު ފަށަން މިއީ ވަރަށް ހިތްހަމަޖެހޭ ގޮތެއް ކަމަށެވެ. މިއަށްވުރެ ރަނގަޅަށް އާ އަހަރު ފެށޭނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

މިއީ ޝާހިދު އޯޓީޓީ ޕްލެޓްފޯމަށް ތައާރަފްވާ ފުރަތަމަ ސީރީޒް އެވެ. އޭނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމު "ޖާޒީ" ވެފައިވަނީ 2022ގައި ރިލީޒްކުރި އެންމެ ނާކާމިޔާބު ފިލްމުތަކުގެ ތެރޭގަ އެވެ.