ކުޅިވަރު

ވެގްހޯސްޓުގެ ގޯލާ އެކު ޔުނައިޓެޑް ފައިނަލާ ގާތަށް

އިނގިރޭސި ލީގު ކަޕްގެ ދެވަނަ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ރޭ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާ ވާދަކުރި މެޗު 3-0 އިން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކޮށްފި އެވެ.

ފަސޭހަ މޮޅެއް ހޯދި މެޗުގައި ފާހަގަކުރެވުނީ ޔުނައިޓެޑާ އަލަށް ގުޅުނު ނެދަލެންޑްސްގެ ފޯވާޑް ވައުޓް ވެގްހޯސްޓް ގޯލު ޖެހުމެވެ. ތިން މިލިއަން ޕައުންޑަށް ބާންލީގެ ލޯނު އުސޫލުން ވެގްހޯސްޓް ޔުނައިޓެޑަށް ބަދަލުވެ ކުޅުނު ފުރަތަމަ ދެ މެޗުގައި ގޯލެއް ނުޖެހުނެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ހަ ވަނަ މިނެޓުގައި ޖެހީ މާކަސް ރަޝްފޯޑް އެވެ. މިއީ ވޯލްޑް ކަޕަށް ފަހު ކުޅުނު 10 މެޗުގައި ރަޝްފޯޑް ޖެހި 10 ވަނަ ގޯލެވެ. މިދިޔަ މުއްދަތުގައި އޭނާ އަށް ގޯލު ނުޖެހުނީ ހަމައެކަނި ކްރިސްޓަލް ޕެލެސް ކޮޅަށެވެ. މެޗުގައި ރަޝްފޯޑް ގޯލު ޖެހީ އަމިއްލަ ހާފުން ލިބުނު ބޯޅަ ހިފައިގެން ގޮސް ފޮރެސްޓުގެ ދެ ކުޅުންތެރިން ކައިރިން ކަޓުވާލުމަށްފަހު ހަމަޖެހިލާފަ އެވެ.

ޔުނައިޓެޑް ގޯލު ޖެހިތާ އިރުކޮޅެއް ފަހުން ފޮރެސްޓުގެ ސަރީޖް ގޯލެއް ޖެހި އެވެ. އެކަމަކު ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ރެފްރީ ނިންމީ އެވަގުތު ސަރީޖް ހުރީ އޮފްސައިޑްގައި ކަމަށެވެ.

ޔުނައިޓެޑްގެ ދެވަނަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ ވެގްހޯސްޓް އެވެ. އެންޓަނީ ފޮނުވާލި ބާރު ބޯޅަ ފޮރެސްޓުގެ ކީޕަރު ސޭވްކުރުމުން ލިބުނު ބޯޅަ ވެގްހޯސްޓް ވަނީ އެއްފަހަރުން ޖަހައި ގޯލަށް ވައްދާލާފަ އެވެ. ޔުނައިޓެޑްގެ ފަހު ގޯލު 89 ވަނަ މިނެޓުގައި ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ.

ލީގު ކަޕްގެ ފުރަތަމަ ސެމީގައި ސައުތެމްޓަންއާ ވާދަކޮށް ނިއުކާސަލް ޔުނައިޓެޑް ވަނީ 1-0 އިން މޮޅުވެފަ އެވެ. ސެމީ ފައިނަލުގެ ދެވަނަ ލެގްގެ މެޗުތައް އޮންނާނީ އަންނަ ހަފްތާގަ އެވެ. މިހާރު އޮތްގޮތުން ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު ބޮޑީ ނިއުކާސަލް އާއި މެންޗެސްޓާ ޔުނައިޓެޑެވެ.

ޔުނައިޓެޑަށް އެންމެ ފަހުން ތައްޓެއް ލިބުނީ 2017 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގަ އެވެ. އެ އަހަރު ޔޫއެފާ ޔޫރޮޕާ ލީގާއި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ. އެކަމަކު އޭގެފަހުން ތައްޓާ ހަމައަށް ދިއުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. މިދިޔަ ހަ އަހަރުތެރޭ ދެ ފައިނަލުގައި ކުޅެ އެޓީމު ބަލިވި އެވެ. އެއީ އެފްއޭ ކަޕް ފައިނަލުގައި ޗެލްސީއާ ވާދަކުރި މެޗާއި ޔޫރޮޕާ ލީގު ފައިނަލުގައި ސެވިއްޔާއާ ވާދަކުރި މެޗެވެ.