އެޑިޔުކޭޝަން މިނިސްޓްރީން އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އިފްތިތާހުކޮށްފި އެވެ.
މި ޕްރޮޖެކްޓް އިފްތިތާހު ކޮށްދެއްވީ މެންހަޓަން ބިޒްނަސް ހޮޓެލްގައި މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
މިއީ އެޑިޔުކޭޝަން މިނިސްޓްރީއާއި ވޯލްޑް ބޭންކް ގުޅިގެން ފަސް އަހަރުގެ މުއްދަތަކަށް ޕްލޭން ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ އަގު 10 މިލިއަން ޑިލަރަށް އަރަ އެވެ.
އޭއީޑީޕީގެ މައިގަނޑު މަގުސަދަކީ ސާނަވީ ތައުލީމު ދަރިވަރުންނަށް ފޯރުކޮށްދިނުން އިތުރަށް ފުޅާކޮށް ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމެވެ.
މި ޕްރޮޖެކްޓްގެ ދަށުން ސްޓެމް އެޑިޔުކޭޝަން ތައާރަފުކުރުމާއި ލިޓްރަސީ އާއި ނިއުމެރަސީގެ ހުނަރުތައް އިތުރުކުރުމާއި، އާންމު ތައުލީމީ ނިޒާމުގެ ތެރެއިން ވޮކޭޝަނަލް އެޑިޔުކޭޝަން ތަންފީޒުކުރުމާއި، ސާނަވީ ތައުލީމުގެ ކޮލިޓީ އެޝުއަރެންސް ހަރުދަނާ ކުރުން ހިމެނޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުން ހޮވާފައިވާ 28 ސްކޫލެއްގައި ސައިސް އާއި އައިސީޓީ އަދި ސްޓެމް އެޑިޔުކޭޝަން ހިމެނޭ ގޮތަށް ވަސީލަތްތައް ފުރިހަމަ ރިސޯސް ސެންޓަރުތަކެއް މި ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރާނެ ކަމަށެވެ.
އޭއީޑީޕީ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ "ފެހި މަދަރުސާ" ފައްޓަން ކަމަށެވެ.
"ފެހި މަދަރުސާގެ ތެރެއިން ކިޔަވައިދޭނެ އިޔާދަކުރަނިވި ހަކަތައިގެ މުހިއްމު ކަމާއި ކުނިން ހަކަތަ އުފެއްދުމާއި ސްކޫލުގެ ވެށި ފެހި ކުރާނެ ގޮތްތައް،" މިނިސްޓްރު އާއިޝަތު އަލީ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ކަންކަން ކިޔަވައިދޭނީ ހަމައެކަނި ދަރިވަރުންނަށް ނޫން ކަމަށާއި ޓީޗަރުންނާއި މެނޭޖްމެންޓަށްވެސް ކިޔައިދޭނެ ކަމަށެވެ.