މިއުވާން މުހައްމަދު

"އިދިކޮޅުން ރައީސްގެ ސަލާމަތަށް ނުރައްކާ ކުރަން މަސައްކަތްކުރޭ"

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވާ ދަތުރުފުޅުތަކުގައި ދެ ރަށަކުން އެމަނިކުފާނުގެ ސަލާމަތަށް ނުރައްކާކުރަން މަސައްކަތްކުރި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ތުހުމަތުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ބައެއް ރަށްރަށަށް ރައީސް ވަޑައިގަންނަވާއިރު ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި އޮންނާތީ ބައެއް މީހުން އެކަން ސޯޝަލް މީޑިއާގައި ހިއްސާކުރާ ކަމަށެވެ.

"ކެމްޕޭން ދަތުރުފުޅުތައް ކަވަރުކުރަމުން ވަޑައިގެންނެވި ނޫސްވެރިންނަށް ފާހަގަކުރެވޭނެ ޏ. ފުވައްމުލައް އަދި ގއ. ވިލިނގިލީގައިވެސް އިދިކޮޅު ފަރާތްތަކުން އެރަށްރަށުގެ ރަށު ތެރޭގައި ހަމަޖެހުން ނަގާލައި ރައީސްގެ ސަލާމަތަށް ނުރައްކާކުރަން ކުރި މަސައްކަތް،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސްގެ ސަލާމަތާއި ރަށު ތެރޭގެ ހަމަޖެހުން ގާއިމުކުރަން ސަލާމަތީ ހިދުމަތްތަކުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމަށެވެ.

ރައީސް ސޯލިހް ކެމްޕޭނަށް ވަޑައިގަންނަވާއިރު އެމަނިކުފާނަށް މަރުހަބާ ކިޔަން ބޭނުންވާ މީހުންނަށް ފުރުސަތު ދޭ އުސޫލުން ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް ސަރުކާރުން ދޭނެ ކަމުގައި މިއުވާން ވިދާޅުވި އެވެ.

"ކެމްޕޭނަށް ރައީސް ވަޑައިގަންނަވާއިރު ޝުއޫރުފާޅުކުރަން ބޭނުންވާ ފަރާތްތަކަށް ހަމަ އެފުރުސަތުވެސް ދޭނެ. ކެމްޕޭނަށް ވަޑައިގެންނެވި ބައެއް ރަށްރަށުން މަދުން ނަމަވެސް ކޮންމެވެސް ވަރަކަށް ބައެއް ބޭފުޅުން ޝުއޫރުތައް ފާޅުކުރެއްވިތަން ފެނިގެންދިޔަ،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހަކީ މަލްޓިޕާޓީ ޑިމޮކްރަސީއަށް ވަރަށް ފަރިތަ ބޭފުޅެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ޖާގަ އޮންނަންވާނެ ކަމަށް ރައީސް އަބަދުވެސް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

"އިދިކޮޅެއް އަދި އިދިކޮޅު އަޑެއް އޮވެގެން ނުވާނެ ކަމަށް ގަބޫލުކޮށް އެކަން އަމަލުން ދެއްކި ހަތް އަހަރަށްފަހު ރައީސް ސޯލިހްގެ ވެރިކަން ފެށިގެން އައުމާއެކު އިދިކޮޅު ފަރާތްތަކަށް އަޑުއުފުލަން ތަންމިނަށް ޖާގަދީފައި. އެ މިނިވަންކަމުގެ ބޭނުން ހިފާނީ އަހުލާގީ ގޮތުން ކޮން މިންގަނޑެއްގައިތޯ ނުވަތަ ސިޔާސީ ގޮތުން ކޮން މިންގަނޑެއްގައިތޯ ނިންމާނީ އިދިކޮޅުން،" މިއުވާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސްގެ ކެމްޕޭން ޖަލްސާގައި ގުރުއާން ކިޔަވަމުންދިޔައިރު އިދިކޮޅު ފަރާތްތަކުން އަޑުގަދަކޮށް، ލަވަޖަހާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އޭރު އެތަނުގައި ކުޑަކުދިންވެސް ތިބި ކަމަށާއި އެ އަޑުތައް ޓީވީން ދައްކައިފިނަމަ ޓީވީތަކާމެދު ފިޔަވަޅު އެޅޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެ މިނިވަންކަން އޮތް ކަމުގައި ވީނަމަވެސް އެކަމުގެ ނާޖާއިޒު ފައިދާ ނަގާ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގަން އޮތް ފުރުސަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ އެ ފުރުސަތުގެ ތެރެއިން ހަމަނުޖެހުން ހިންގަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކޮށްފައިވޭ،" މިއުވާން ވިދާޅުވި އެވެ.