ސިވިލް ކޯޓް

ހެލްތް މިނިސްޓްރީން އެސްޓާސްއަށް 76،000 ރުފިޔާ ދައްކަން ޖެހިއްޖެ

ހެލްތް މިނިސްޓްރީން އެސްޓާސް ޕްރައިވެޓް ލިމިޓެޑުން ގަނެފައިވާ މުދަލަށް ފައިސާ ނުދައްކައިގެން ކުރި ދައުވާ ހެލްތް މިނިސްޓްރީގެ މައްޗަށް ސާބިތުވެ 76،228 ރުފިޔާ އެސްޓާސްއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެސްޓާސް އިން ހެލްތް މިނިސްޓްރީއާއި ދެކޮޅަށް ކުރި ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް އެ ކުންފުނިން ފޯރުކޮށްދިން މުދަލާއި ހިދުމަތަށް ފޮނުވި އަށް އިންވޮއިސްއަށް ފައިސާ ނުދައްކާ އޮތް ކަމަށެވެ.

އެސްޓާސް އިން ކުރި ދައުވާގައި އެދިފައިވަނީ ޖެނުއަރީ 2021ގެ ނިޔަލަށް ފައިސާ ދައްކާފައި ނުވުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 426،485 ރުފިޔާ އާއި އެކު ޖުމުލަ 502،714 ރުފިޔާ ހޯދައިދިނުމަށެވެ. އަދި އެ އަދަދު ދައްކާ ހަލާސް ކުރުމާ ހަމައަށް އަރާ ޖޫރިމަނާގެ ފައިސާ ހޯދުމަށްވެސް އެދިފައިވެ އެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް އެސްޓާސްއިން ބުނާ ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާގެ އިތުރުން ފައިސާ ދެއްކުމާއި ހަމައަށް އަރާނެ ޖޫރިމަނާ ދައްކަން ހެލްތް މިނިސްޓްރީން ނުޖެހޭ ކަމަށެވެ.

ޖޫރިމަނާ ފައިސާ ދައްކަން ނުޖެހުނު ކަމުގައި ވިޔަސް ހެލްތް މިނިސްޓްރީއަށް އެސްޓާސް އިން ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތަށްވާ 76،228 ރުފިޔާ އެ ކުންފުންޏަށް ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ހެލްތް މިނިސްޓްރީއަށް މި ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތަކީ އެއް މަސް ދުވަހެވެ.