ހަބަރު

އިންޖީނުގެ އަނދައި ހުލިވެ، ތިނަދޫ ކަނުއަނދިރީގައި

Jan 26, 2016
1
  • ކަރަންޓް ދިނުމަށް ފެނެކައިން ވަނީ ވަގުތުން މަސައްކަތް ފަށާފައި
  • ތިނަދޫގެ ހުރިހާ ހިދުމަތްތަކެއް ވަނީ ހުއްޓިފައި
  • މިއީ އެކްސިޑެންޓަކުން މެދުވެރިވި ކަމެއް ކަމަށް ބުނަން ދަތި

ގދ. ތިނަދޫ އިންޖީނުގެ އަނދައިހުލިވެ، ރަށު އެންމެން ކަނުއަނދިރީގައި ތިބެން ޖެހިއްޖެ އެވެ. އިންޖީނުގޭގައި ރޯވީ މިރޭ ދަންވަރު 2:15ގައި ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ވިދާޅުވި އެވެ. އަލިފާންގަނޑު ކޮންޓްރޯލްވީ ފަތިހު 4:45ގަ އެވެ. އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކަރަންޓް ވަރަށް ބޮޑަށް ލަސްވެގެން ދިޔަ ކަމަށާއި އެހެންދިމާވީ އަލިފާން ކޮންޓްރޯލް ބޭނުންވާ އާލާތްތައް ސިފައިންނަށް ހަމަނުކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައިވާ ނުވާ ކަމަށާއި ނަމަވެސް ތިނަދޫ ހޮސްޕިޓަލުގައި ތިބި ބަލިމީހުންނާއި އައިސީޔޫގައި ތިބި މީހުން ވެސް މިހާރު ތިބީ އެއްތަނަކަށް ގެނެސްފައި ކަމަށެވެ. އަދި ކުޑަ ޖަނަރޭޓަރެއް ބޭނުންކޮށްގެން ހޮސްޕިޓަލުގައި ބޭނުންވާ ކަަރަންޓް ވަގުތީގޮތުން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ގަނޑިއެއްހާ އިރު ތެރޭގައި ހޮސްޕިޓަލަށް ކަރަންޓް ދެވޭ ވަރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ހާދިސާއާ ގުޅިގެން މިރޭ ޕީއެސްއެމް އަށް ދިން އިންޓަވިއުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ތިނަދޫގައި އިންޖީނުގޭގައި ހުރި ތިން އިންޖީނު ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. ނިމާލް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ އިންޖީނުގެ ތެރޭގައި ހުރި ގުދަނެއްގަ އެވެ. އަދި އެ އަލިފާންގަނޑު ކޮންޓްރޯލްވުން ލަސްވުމުގެ ސަބަބުން މުޅި އިންޖީނުގެއަށް ފެތުރިގެން ދިޔައީ ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ. އަދި އަލިފާންރޯވި ގުދަނަކީ އަލިފާން ރޯވާ ޒާތުގެ ތަކެތި ހުރިތަނަކަށް ނުވާތީ، އެތަނުގައި އަލިފާން ހިފަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.

"އެއީ 600 ކީލޯ ވޯޓުގެ ޖަނަރޭޓަރަކާއި 720ގެ އެއްޗަކާއި 1000 ކިލޯވޯޓުގެ ތިން ޖަނަރޭޓަރު. އަޅުގަނޑުމެން މަސައްކަތް މިކުރަނީ ވީ އެންމެ އަވަހަކަށް ތިނަދޫ އަށް ކަރަންޓް ދިނުމަށް. ވަރަށް މަސައްކަތް ކުރަމުން މިދަނީ. އެކަމުގައި އަޅުގަނޑުމެންގެ ޓީމްތައް ވަރަށް ބުރަކޮށް އެބަ މަސައްކަތް ކުރޭ،" ނިމާލް ވިދާޅުވި އެވެ. "މިއީ އިންސިޑެންޓެއް ކަމަށް ބުނަން ދަތި. އެހެން ނަމަވެސް މައްސަލަ އެއްކޮށް ތަހުގީގު ކޮށް ނިމުނީމާ އިނގޭނީ،"

ކަރަންޓްގެ އެ ހާދިސާއާ ގުޅިގެން އެ ރަށުގެ އެއްވެސް ސްކޫލެއްގެ ކިޔެވުމެއް ވެސް މިއަދު ނެތެވެ. އަދި ހޮސްޕިޓަލްގައި ތިބި ހާލުބޮޑު ބަލި މީހުން މާލެގެނައުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.