ބޮލީވުޑް

"ޕަތާން"ގައި އާމިރު ޚާންގެ ދައްތަ ނިކްހަތުގެ ކުރު ރޯލެއް

ޑައިރެކްޓަރު ސިދާރްތު އާނަންދްގެ "ޕަތާން" އިންޑިޔާ އާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސިނަމާތަކުގައި ރަސްކަން ކޮށް ރެކޯޑްތައް މުގުރަމުންދާއިރު ފިލްމު ބެލި ބައެއް މީހުންގެ ލޮލުގައި އެއްކަމެއް އަޅައިގަތެވެ. ފިލްމުގެ ބަތަލު ޝާހް ރުކް ޚާންގެ މަންމަގެ ރޯލު އަދާކުރި އަފްޣާން މީހާ އެވެ.

ހަގީގަތުގައި އެއީ އަފްޣާން މީހެއް ނޫނެވެ. ބޮލީވުޑް ތަރި އާމިރު ޚާންގެ އެއްބަނޑު އެއްބަފާ ދައްތަ ނިކްހަތު ޚާން އެވެ.

ނިކްހަތު މި ފިލްމުގައި ކުޅެފައިވަނީ ވަރަށް ކުޑަ ރޯލެއް ނަމަވެސް ފިލްމު ބެލި އެންމެންނަށް ވެސް އޭނާގެ ރޯލު ވަރަށް ހިތްހަމަޖެހުނެވެ. އަދި ޝާހް ރުކްގެ ކެރެކްޓާއަށް "ޕަތާން"ގެ ނަން ދިނީ ވެސް މި ފިލްމުގައި އޭނާގެ ފޮސްޓާ މަންމަ (ނިކްހަތު) އެވެ.

"ޕަތާން" ނޫނަސް ވަރަށް ފަހުން ރިލީޒްކުރި އަޖޭ ދޭވްގަންގެ "ތާނާޖީ – ދި އަންސަންގް ވޮރިއާ" އާއި "މިޝަން މަންގަލް" ގައި ވެސް ނިކްހަތު ބައިވެރިވެފައި ވެއެވެ. އަދި އާމިރު ޚާންގެ "ލަގާން" އާއި "ހަމް ހޭ ރާހީ ޕިޔާރް ކޭ" ފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރަކީ ވެސް ނިކްހަތެވެ. ނަމަވެސް ގިނަ ބަޔަކަށް ނިކްހަތު ފާހަގަ ނުކުރެވި އޮތީ އެވެ.