ބޮލީވުޑް

"ދަންގަލް"ގެ ރެކޯޑް ވެސް "ޕަޓާން" މުގުރާލައިިފި

ޑައިރެކްޓަރު ސިދާރްތު އާނަންދްގެ "ޕަޓާން" ރިލީޒް ކުރުމާއެކު ރެކޯޑްތައް މުގުރަން ފެށި އެވެ.

އެއާއެކު މިހާތަނަށް އެންމެ ބޮޑު ފައިދާއެއްވީ ފިލްމުގެ ރެކޯޑް މި ފިލްމަށް މުގުރާލެވިދާނެކަމާ މެދު ގިނަ ބަޔަކު ޝައްކު ކުރި އެވެ. ނަމަވެސް ޝާހް ރުކް ޚާންގެ މި ފިލްމު ވަނީ އެންމެ ރަނގަޅު ވިޔަފާރިއެއް ކުރެވުނު ފިލްމުގެ ރެކޯޑް ވެސް މުގުރާލާފަ އެވެ. މީގެ ކުރިން މި ރިކޯޑް އޮތީ އާމިރު ޚާންގެ "ދަންގަލް" އަށެވެ.

"ޕަޓާން" ރިލީޒްކުރިތާ ދެ ހަފުތާ ތެރޭގައި 453 ކްރޯޑުގެ ވިޔަފާރިވެފައި ވެއެވެ. އަދި މުޅި ދުނިޔޭން މި ފިލްމަށް 728 ކްރޯޑު (88.92 މިލިއަން ޑޮލަރު)ގެ ވިޔަފާރިވެފައިވެ އެވެ. ކުރިން މި ރެކޯޑް އޮތް "ދަންގަލް" އަށް ކުރެވިފައިވަނީ 387 ކްރޯޑުގެ ވިޔަފާރި އެވެ.

"ޕަޓާން"ގެ ބަތަލާ ދީޕިކާ ޕަދުކޯން ބުނި ގޮތުގައި އެ މީހުން އެ ފިލްމުގެ މަސައްކަތް ކުރީ ކޮންމެހެން ރެކޯޑްތަކެއް މުގުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އެމީހުންގެ މަގްސަދަކަށްވީ ބެލުންތެރިންނަށް ކަމުދާ ކަހަލަ ކޮލިޓީ ރަނގަޅު ފިލްމެއް އުފެއްދުމެވެ.

"އަހަރެންގެ ފުރަތަމަ ފިލްމު "އޯމް ޝާންތީ އޯމް" ކުޅުނުއިރު ޝާހް ރުކް އަހަރެން ކައިރީ ވަރަށް ރަނގަޅު ވާހަކައެއް ބުނި. ޝާހް ރުކް ބުނި އަހަރެން ހިތްހަމަޖެހޭ ފިލްމުތަކެއް ކުޅޭށޭ. ކިތަންމެ ގިނަ ފައިސާއެއް ދޭން ބުންޏަސް އުފާ ނުވާ ކަހަލަ ފިލްމު ނުކުޅެއްޗޭ. އަހަރެން އަބަދުވެސް ބަލަނީ އެފަދަ ފިލްމުތައް ކުޅެވޭތޯ،" ދީޕިކާ ބުންޏެވެ.