ރަޝިއާ-ޔުކްރޭން ހަނގުރާމާގައި ޖަރުމަނުގެ ހަގީގީ ދައުރާ މެދު ރަޝިއާގެ ފޮރިން މިނިސްޓްރީން ސުވާލުކޮށްފި އެވެ.
ރަޝިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ވިދާޅުވި ގޮތުގައި -- މޮސްކޯ-ކީޔެވް ހަނގުރާމައާ ބެހޭ ގޮތުން ޖަރުމަނުގެ ފޮރިން މިނިސްޓަރު ވިދާޅުވުމާ ފޮރިން މިނިސްޓްރީގެ ބުނުން ތަފާތު ކަމަށެވެ.
ޖަރުމަނުގެ ފޮރިން މިނިސްޓަރު އެނަލީނާ ބެއާބޮކް ވިދާޅުވާ ކަމަށް މާރިއާ ޒަޚަރޯފާ ވިދާޅުވީ ޔޫރަޕްގެ އެހެން ގައުމުތަކާ އެކު ޖަރުމަން ވެސް ޔުކްރޭން ހަނގުރާމާގައި -- ރަޝިއާއާ ދެކޮޅަށް ބައިވެރިވާ ކަމަށެވެ.
އަނެއްކޮޅުން ޖަރުމަނުގެ ފޮރިން މިނިސްޓްރީން ބުނަނީ ޖަރުމަނަކީ ރަޝިއާ-ޔުކްރޭން ހަނގުރާމާގައި ބައިވެރިވާ ގައުމެއް ނޫން ކަމަށް މާރިއާ ޒަޚަރޯފާ ވިދާޅުވި އެވެ.
މިހެން ކަން އޮތުމާ އެކު، ރަޝިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ ޔުކްރޭން ހަނގުރާމާގައި ޖަރުމަނު ގެންގުޅޭ ހަގީގީ ވިސްނުމަކީ ކޮބައިކަން އޮޅުން ފިލުވައި ދެއްވުމަކީ މޮސްކޯގައި ހުންނަވާ ޖަރުމަނުގެ ސަފީރަށް ލާޒިމުކަމެއް ކަމަށެވެ.
ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ބެއާބޮކް ބުދަ ދުވަހު ވިދާޅުވީ "ޔުކްރޭން ހަނގުރާމާގައި ޖަރުމަނު މިހާރު ވެސް ރަޝިއާއާ ދެކޮޅު" ކަމަށެވެ.
ޖަރުމަނުގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޔުކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނެއް ކަމަކު ޖަރުމަނަކީ ޔުކްރޭން ހަނގުރާމައިގެ ބައިވެރިއެއް ނޫން ކަމަށެވެ.
ޖަރުމަނުގެ ހައިސިއްޔަތާ މެދު ރަޝިއާއިން ސުވާލުކުރީ ޔުކްރޭން ހަނގުރާމަ ހުއްޓުވަން ބާރުއެޅުމުގެ ބަދަލުގައި -- ޔުކްރޭން ބޮލަށް އެރިގެން ހަނގުރާމަ ވަރުގަދަކުރަން -- އެމެރިކާ ކުރާ މަސައްކަތުގައި ބައިވެރިވެ ލެޕާޑް ޓޭންކްތައް ފޮނުވަން ނިންމުމާ ގުޅިގެންނެވެ.
ޔުކްރޭން ހަނގުރާމާގައި ހުޅަނގުން ގެންގުޅޭ ވިސްނުމަކީ ރަޝިއާ ބަލިކުރުމެވެ. މިކަމަށްޓަކައި ހަނގުރާމަމަތީ ޓޭންކާއި މިސައިލުން ދިފާއުވާ ނިޒާމުތައް ޔުކްރޭނަށް ފޮނުވައި -- ހަނގުރާމާގައި މިހާރު ވަނީ މުޅިން އާ ކުލަވަރެއް ޖައްސުވާފަ އެވެ.