އޮލިމްޕަސް

ކުލަގަދަ ރަސްމިއްްޔާތަކާ އެކު އަންނަ މަހު އޮލިމްޕަސް ހުޅުވަނީ

އޮލިމްޕަސް މަރާމާތު ކުރުމަށްފަހު އަންނަ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު އަލުން ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ހެރިޓޭޖް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އޮލިމްޕަސް އަލުން ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އޮންނާނެ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ރައީސް ސޯލިހުގެ އިތުރުން މި ރަސްމިއްޔާތުގައި މުނިފޫނިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާގައި ކުރިން މަސައްކަތްކޮށްފައިވާ މީހުންނާއި މިހާރުވެސް މަސައްކަތް ކުރަމުންދާ މީހުން ބައިވެރިވާނެ އެވެ.

މީގެ އިތުރުން އޮލިމްޕަހަށް ގެނެސްފައިވާ ބަދަލުތަކާއި، ބޭނުންކުރާ އާ ވަސީލަތްތައް ދައްކާލުމުގެ ގޮތުން ފެބްރުއަރީ ފަސްވަނަ ދުވަހު އާންމުކޮށް މީޑީއާތަކަށް ހުޅުވާލައިގެން ޓުއާއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

އޮލިމްޕަސް ހުޅުވާލުމަށްފަހު ފުރަތަމަ ފިލްމް ޕްރިމިއާ ކުރުމަށް ޑާކްރެއިން އެންޓަޓެއިންމަންޓްސް އޮތީ ތައްޔާރަށެވެ. މިގޮތުން އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އޮލިމްޕަހުގައި ޑާކްރެއިންގެ ފިލްމް "ބީވީމާ" ދެއްކުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން އޮލިމްޕަސް ބަންދުކުރީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭގެ ފަހުން އޮލިމްޕަސް ހުޅުވަން ސަރުކާރުން އެކި ތާރީހު ދިން ނަމަވެސް އޮލިމްޕަސް ހުޅުވާފައެއް ނުވެ އެވެ. ފަހުން އާޓްސް މިނިސްޓްރީން ވަނީ އެތަނަށް ބޮޑެތި ބަދަލުތައް ގެނެސް ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ކަމަށް ބުނެ އޮލިމްޕަސް ހުޅުވުން ފަސްކޮށްފަ އެވެ.

އޮލިމްޕަސް ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ފިލްމީ ދާއިރާގެ ބޭފުޅުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޮލިމްޕަސް މަރާމާތުކޮށް އަޕްގްރޭޑް ކުރީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުންނެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޫބަރު 21، 2021 ގައެވެ.