އޮލިމްޕަސް

ކުލަގަދަ ރަސްމިއްޔާތަކާ އެކު އޮލިމްޕަސް އަލުން ހުޅުވައިފި

Feb 5, 2023

އިމާރާތުގެ އެތެރެއަށް ބައެއް ބަދަލުތައް ގެނެސް އަދި ޒަމާނީ ވަސީލަތްތަކެއް ގާއިމުކުރުމަށް އޮލިމްޕަސް މިރޭ އަލުން ހުޅުވައިފި އެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ. މި ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާއި ދިވެހި ސަރުކާރުގެ ބައެއް އިސްވެރިންނާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އޭރާއި މިހާރުގެ ފަންނާނުންވެސް ބައިވެރިވި އެވެ. ނަމަވެސް ރާއްޖޭގައި އެންމެ މަޝްހޫރު ބައެއް ފިލްމީ ތަރިންނާއި ބައެއް ސްޓޫޑިއޯތަކުގެ އިސްވެރިން މިރަސްމިއްޔާތުން ފެނިފައެއް ނުވެ އެވެ.

އޮލިމްޕަސް ހުޅުވުމަށްފަހު ރާއްޖޭގެ އެހާރާއި މިހާރުގެ ފަންނާނުންގެ ހާއްސަ ހުށަހެޅުންތަކެއް ފެނިގެން ދިޔަ އެވެ. އަދި އިންޑިއާގެ އަނިރޫދު ވަރްމާ ކަލެކްޓިވްގެ ފަރާތުން އިންޑިއާގެ ކްލެސިކް މިއުޒިކް ހުށަހެޅުމެއް ފެނިގެން ދިޔަ އެވެ.

އޮލިމްޕަސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އޮލިމްޕަސް ހުޅުވުން ލަސްވެއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެން ދިމާވީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖެއިން ބޭރުން ބައެއް ތަކެތި ގެނައުމަށް ދަތިތައް ކުރިމަތިވުމުން ކަމަށެވެ. އޮލިމްޕަސް އަލުން ހުޅުވިގެން ދިއުމަކީ ފަންނުވެރިންގެ މަސައްކަތެއް އާ ދިރުމެއް ލިބޭނެ ކަމެއްގެ ގޮތުގައިވެސް މިނިސްޓަރު ސިފަކުރެއްވި އެވެ.

އޮލިމްޕަސް އަލުން ހުޅުވާލުމާ ގުޅިގެން އެތަން ދައްކާލުމުގެ ގޮތުން މާދަމާ އާންމުކޮށް މީޑީއާތަކަށް ހުޅުވާލައިގެން ޓުއާއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

އޮލިމްޕަސް ހުޅުވާލުމަށްފަހު ފުރަތަމަ ފިލްމު ޕްރިމިއާ ކުރުމަށް ޑާކްރެއިން އެންޓަޓެއިންމަންޓްސް ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން އަންނަ ހޯމަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޑާކްރެއިންގެ ފިލްމް "ބީވީމާ" ދެއްކުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

މީގެ 64 އަހަރުކުރިން ހުޅުވި އޮލިމްޕަހަކީ އެތައް ފަންނުވެރި އުފެއްދުންތަކާއި އަދި އެތަކެއް ފަންނާނުންނެއް އުފެއްދުންތެރިކަން ފެށުމާ ގުޅިފައިވާ މުހިންމު ބިނާއެކެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން އޮލިމްޕަސް ބަންދުކުރީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭގެ ފަހުން އޮލިމްޕަސް ހުޅުވަން ސަރުކާރުން އެކި ތާރީހު ދިން ނަމަވެސް އޮލިމްޕަސް އެ ތާރީހުތަކަށް ހުޅުވާލެވިފައެއް ނުވެ އެވެ.

މިދިޔަ ތިން އަހަރެއްހާ ދުވަސް އޮލިމްޕަސް ބަންދުކޮށްފައި ހުރުމުން ފިލްމީ ދާއިރާގެ ބޭފުޅުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އޮލިމްޕަސް މަރާމާތުކޮށް އަޕްގްރޭޑް ކުރީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުންނެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޫބަރު 21، 2021 ގައެވެ.