އޮލިމްޕަސް

ނޮއިސްގެ ނަމުގައި އޮލިމްޕަހުގައި މިއުޒިކް ޝޯއެއް

Mar 7, 2023

އޮލިމްޕަސް މަރާމާތުކޮށް ހުޅުވިފަހުން ބާއްވާ ފުރަތަމަ މިއުޒިކް ޝޯ "ނޮއިސް"ގެ ނަމުގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އެއް ކާފު ކިޔާ ބަޔަކު އިންތިޒާމު ކުރާ މި ޝޯ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 17 އަދި 18 ވަނަ ދުވަހުގެ ރެ އެވެ.

ފުރަތަމަ ރޭ ލައިވް މިއުޒިކަށް ހާއްސަކުރާއިރު ދެވަނަ ރޭ ހާއްސަ ކުރަން ނިންމާފައިވަނީ ބޮޑުބެރަށެވެ.

މި ޝޯގައި ޕާފޯމް ކުރާ ބޭންޑްތަކުގެ ތެރޭގައި ކޮރެލިއަމް، ރެވިއޯ، އެޗޭސިއާ އަދި ފަޔާ ހިމެނެ އެވެ. ޕާފޯމް ކުރާ ބޮޑުބެރު ގުރޫޕްތަކުގެ ތެރޭގައި ހަބޭސް، ފަތްމިނި، ތުއްތު ޕާކް، އެކަތި، އަދި ހިޔަލަ ހިމެނެ އެވެ.

މި ޝޯ ތަކުގެ ޓިކެޓް މިއަދު މެންދުރުފަހު 2:00 ޖަހާއިރު ވިއްކަން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ޓިކެޓެއްގެ އަގަކީ 150 ރުފިޔާ އެވެ.

ކޮވިޑް 19އާއި ގުޅިގެން ބޮޑެތި މަރާމާތުތަކަކަށްފަހު އޮލިމްޕަސް މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ. އޮލިމްޕަސް މިދިޔަ މަހު ހުޅުވި ފަހުން މިހާތަނަށް އެތަނުގައި އެޅުވި ހަމައެކަނި ދިވެހި ފިލްމަކީ "ބީވީމާ" އެެވެ.

އެތައް އަހަރުތަކަކަށް ފަހު އޮލިމްޕަހުގައި މިހާރު ގެންދަނީ ބޭރުގެ ފިލްމުތައް ވެސް އަޅުވަމުންނެވެ. އެގޮތުން މިދިޔަ މަހު ވަނީ ބޮލީވުޑްގެ ފިލްމު "ޝެހެޒާދާ" އަޅުވާފަ އެވެ.